ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރަން ތައިލެންޑާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި
ތައިލެންޑްގެ ކުޅިވަރު ވުޒާރާގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖޭގެ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއެވެ، އަދި ތައިލެންޑް ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ގައުމުގެ ފަތުރުވެރިކަމާއި ކުޅިވަރާ ބެހޭ ވަޒީރު ޕަތުޕޮންގު ޕޮންގުސަކުލްއެވެ.
ރާއްޖެއާއި ތައިލެންޑާއި ދެމެދު ވި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ގުޅުން ބަދަހިކުރުމާއި ކުޅިވަރުގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އިތުރުން މި ދާއިރާއިން މީހުން ތަމްރީނުކުރުމަށް ހަމެޖެހިފައިވާ ކަމަށް ވެސް ސްޕޯޓްސް މިނިސްޓްރީން ބުންޏެވެ.
އެގޮތުން ކުރެވޭ މަސައްކަތުގެ ތެރޭގައި ކުޅިވަރުގެ ދާއިރާގެ މުވައްޒަފުން ބަދަލުކުރުމާއި ތަރައްގީކުރުމުގެ އިތުރުން ކުޅިވަރުގެ ތަމްރީނާއި ކުޅިވަރުގެ ދާއިރާއިން ޒުވާނުން ތަރައްގީކުރުމުގެ ޕްރޮގްރާމްތައް ހިންގުން ހިމެނޭއިރު، ކުޅިވަރުގެ ވަސީލަތްތަކާއި ފެސިލިޓީތައް ތަރައްގީކުރުމަށް މިއެއްބަސްވުމުގެ ދަށުން އެހީތެރިކަން ލިބިގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެއްބަސްވުމުގެ ރަސްމިއްޔާތުގައި ރާއްޖެއާއި ތައިލެންޑް ސަރުކާރާ ދެމެދު ކުޅިވަރު ދާއިރާއިން ހިިޔާލާއި މަޝްވަރާ ވެސް ކުރިކަމަށް ސްޕޯޓްސް މިނިސްޓްރީން ބުންޏެވެ.

