ޚަބަރު

އޮޕަރޭޝަން އަލިމަގު: އައްޑޫން ހައްޔަރުކުރީ ހިތަދޫގެ 40 އަހަރުން ދަށުގެ 5 ޒުވާނުން

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: ފުލުހުންގެ ޚިދުމަތް

“އޮޕަރޭޝަން އަލިމަގު”ގެ ދަށުން އައްޑޫ ސިޓީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދާ ސ. ހިތަދުއަށް ނިސްބަތްވާ 40 އަހަރުން ދަށުގެ 5 ޒުވާނަކު ހައްޔަރުކޮށްފިއެވެ.

Ads by MPL

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މި ޑިސެންބަރު މަހުގެ 3ވަނަ ދުވަހުގެރޭ އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ސ.ހިތަދޫ / ކޮންމުލި، ޢަލީ ނަދީމް (30އ) އާއި ސ. ހިތަދޫ / ފަލާޙް، ހާފިޡު ފައުޒީ (31އ) އާއި ސ. ހިތަދޫ / ވެޔޮފެހެބުރުގެ، އިބްރާހީމް ސިރާޖު (43އ) އާއި ސ. ހިތަދޫ / ދޮރުފޮތިމާގެ، ޙަސަން ޢަލްފާފް (28އ) އަދި ސ. ހިތަދޫ / ކެކުރިމާގެ، އަމީން މުޙައްމަދު (23އ) ކަމަށެވެ.

މި ނެޓްވޯކުގެ ތެރެއިން 2017ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމަށާއި އަދި ފާއިތުވި ފަސް އަހަރު މި ނެޓްވޯކުގެ އިސް ހަތަރު މީހެއްގެ އެކައުންޓްގައި 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން މަޢުލޫމާތުދެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޢަލީ ނަދީމްއާއި ހާފިޡު ފައުޒީ އަދި އިބްރާހީމް ސިރާޖަށް 30 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް، އަދި ޙަސަން އަލްފާފް އާއި އަމީން މުޙައްމަދު 5 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުންދަނީ އިތުރަށް ތަޙްޤީޤުކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!