ފައިޓޯސެނިޓަރީ ހުއްދަނެތި ގަސްގަހާއި ގަހުގެ ބައިތައް އެތެރެނުކުރެވޭނެކަން ހަނދާންކޮށްދީފި
ފައިޓޯސެނިޓަރީ އިމްޕޯޓު ހުއްދަނެތި ގަސްގަހާއި ގަހުގެ ބައިތައް އެތެެރެ ނުކުރެވޭނެކަން އެގްރިކަލްޗާ މިނިސްޓްރީން ހަނދާންކޮށްދީފިއެވެ.
ފައިޓޯސެނިޓަރީ އިމްޕޯޓު ހުއްދައަކީ ރާއްޖެއަށް ގަހާއި ގަހުގެ ބައިތައް އެތެެރެކުރުމުގެ ކުރިން އެ ގަސްތަކަކީ ފަނިފަކުސާ ނުހިމެނޭ ތަކެތިކަން ބަޔާންކޮށް އެ ތަކެތި އެތެރެކުރާ ގައުމުން ދޭ ސެޓްފިކެޓެކެވެ.
އެގްރިކަލްޗާ މިނިސްޓްރީން މިއަދު ބުނީ ފައިޓޯސެނިޓަރީ އިމްޕޯޓު ހުއްދަނެތި އެތެރެކުރާ ގަސްގަހާގެއްސާއި، ގަހުގެ ބައިތައް ފައިޓޯސެނިޓަރީ އިންސްޕެކްޓަރުންނަށް ލިބިފައިވާ ބާރުގެތެރެއިން ކަރަންޓީނުކުރުމަށް ފަހު ނައްތާލާނެ ކަމަށެވެ.
އެހެންވެ އެ ތަކެތި އެތެރެކުރަން ހުއްދަތައް ނެގުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
"އަދި ފައިޓޯސެނިޓަރީ އިމްޕޯޓު ހުއްދައަކީ ހަ މަސް ދުވަހުގެ މުއްދަތަކަށް ދެވޭ ހުއްދައެއްކަމުން، މުއްދަތު ހަމަވެފައިވާ ހުއްދަތައް އާކޮށް، ދުރާލާ ހުއްދަ ލިބިފައިވާކަން ކަށަވަރު ކުރުމަކީ މި ވުޒާރާގެ އެދުމެކެވެ. މިއާއެކު ކުރިން ނެގިފައިވާ ހުއްދަތަކުގައި ވެސް އެތެރެކުރާ ބާވަތްތަކުގެ ގަސްގަހާގެއްސާއި ގަހުގެބައިތައް ހުރިކަން ކަށަވަރުކުރުމަކީ އެތެރެކުރާ ފަރާތުގެ ޒިންމާއެކެވެ." މިނިސްޓްރީން އިތުރަށް ބުންޏެވެ.
ގަހުގެ ވިޔަފާރިއަކީ މާލޭގައި މިހާރު ވަރަށް ފުޅާކޮށް ކުރަމުންދާ ވިޔަފާރިއެކެވެ. ގަސްތަކަށް ބޮޑު ޑިމާންޑެއް އޮންނަ އިރު ތަފާތު ގިނަ ބާވަތްތަކުގެ ގަސް ރާއްޖެއަށް އެތެރެކުރާކަން ފާހަގަކޮށްލެވެއެވެ.
