ޚަބަރު

ޕީސީބީގެ ރައީސް އިސްތިއުފާ ދެއްވި ސަބަބު އެނގެން އެބަޖެހޭ: ޝިޔާމް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޕްރައިޒެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑް (ޕީސީބީ) ގެ ރައީސް ޙަސަން ވަހީދު އެމަގާމުން އިސްތިއުފާ ދެއްވި ސަބަބު އެނގެންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމް ގެ ނައިބު ރައީސް އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by STELCO

މެންބަރު ޝިޔާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެސްއޯއީ ތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ "ޕީސީބީ ގެ ރައީސް އައްޔަނު ކުރެއްވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް އެނގެން ޖެހޭ" ކަމަށާއި "އަޑު އިވެނީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ގެ ނުފޫޒު ބޮޑުކަމަށް" ކަމަށެވެ.

ޕީސީބީގެ ރައީސް ކަމުން މިއަދު ހަސަން ވަހީދު އިސްތިއުފާ ދެއްވައިފިކަން ރައީސް އޮފީހުން ވެސް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް އެމަނިކުފާނު އިސްތިއުފާ ދެއްވި ސަބަބު އަދި އެނގިފައެއް ނުވެއެވެ.

މިފަހުން ރައްޔިތުންގެ މަޖިލީހަށް ވަނީ ދައުލަތުގެ ކުންފުނިތަކުގައި ހިންގާ ކޮރަޕްޝަން ހުއްޓުވަން ޕީސީބީން މަސައްކަތް ނުކުރާކަމަށް ތުހުމަތުކޮށް އެ ބޯޑްގެ މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. އެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!