ޚަބަރު

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމަށްޓަކައި ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ފަށައިފިއެވެ.

Ads by STELCO

މާލޭގެ ޓްރެފިކް މެނޭޖުކުރުމަށާއި ރައްޔިތުންނަށް މަގުތައް އަމާންތަނަކަށް ހެދުމުގެ ގޮތުން ސަރުކާރުން ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރުގައި ތަރައްގީކުރުމަށް މަސައްކަތްތައް ފަށައިގެން ކުރިއަށް ގެންދާއިރު، އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ މާރުކޭޓާއި ރަސްމީ ފާލަމާ ދެމެދު އޮންނަ ސަރަހައްދު ފުޅާކޮށް ތާރުއަޅައި ނިންމައި އެ ސަރަަހައްދު އާންމުންނަށް ހުޅުވާލީ މިދިޔަ ހޯމަ ދުވަހު އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ބުނީ އެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ. ދެވަނަ ފިޔަވަހީގައި ހިމެނެނީ ލޯކަލް މާރުކޭޓުން ފަށައިގެން ނޯތު ހާބަރާ ހަމައަށެވެ. އެއީ 250 މީޓަރުގެ ސަރަހައްދެކެވެ.

ބޮޑުތަކުރުފާނުގެ މަގު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އޮގަސްޓު މަހު އެެވެ. އެއީ  144.6 މިލިއަން ރުފިޔާ އަށެވެ.

455 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމުމަށް ކަނޑައެޅިފައިވާ މި މަޝްރޫޢުގެ ދަށުން މަގުގެ އުތުރު ފަރާތުން ފުޅާކޮށް 4 ލޭނު ބިނާކުރާނެއެވެ. އަދި ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓު ސަރަހައްދާއި ޖެހެންދެން 830 މީޓަރުގެ ދިގުމިން ހުންނަ ސަރަހައްދެއްގައި ތާރު އަޅާނެއެވެ.

މި މަޝްރޫޢުގެ ދަށުން ދުވާރު ހެދުމާއި ރޯޑް މާކިން ކުރެހުމުގެ އިތުރުން ސައިންބޯޑުތައް ހަރުކުރުން ވެސް ހިމެނެއެވެ. މި މަޝްރޫއުގެ ދަށުން ބިނާކުރާ މަގު ހުންނާނީ ޒަމާނާއި އެއް ފަދައިން ފެން ހިންދާ ނިޒާމަކާ ވެސް އެކުއެވެ.

Ads by Ooredoo