ޚަބަރު

މާލެ ސަރަހައްދުގެ ވައި ނުރައްކާ މިންވަރަށް ނުސާފު، ބޭރަށް ނިކުންނަ އިރު މާސްކު އަޅުއްވާ: އެޗްޕީއޭ

ނުޙާ އަޙްމަދު ، ދެން އޮންލައިން
ފޮޓޯ--// ޕީއެސްއެމް ނިއުސް

މާލެ ސަރަހައްދުގެ ވައި ނުރައްކާ މިންވަރަށް ނުސާފުވެ، ބޭރަށް ނިކުންނަ އިރު މާސްކު އެޅުމަށް ހެލްތް ޕޮރްޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

ދުންފުހުގެ ސަބަބުން މާލެ ސަރަހައްދުގެ ވައި ނުސާފުވެ ހަމަ ލޮލަށް ދުރު ސާފުކޮށް ފެންނަ މިންވަރު ވަނީ ދަށްވެފައެވެ. މާލެ ސަރަހައްދުގެ ވައިގެ ނުސާފުކަން އިތުރުވެ ދުރު ފެންނަ މިންވަރު ހުރީ 7000 މީޓަރުގައި ކަމަށް އެޗްޕީއޭ އިން މަޢުލޫމާތުދެއެވެ.

އެޗްޕީއޭއިން ބުނީ، މާލެ ސަރަހައްދަށް އޮރެންޖު ސަމާލު ނެރެފައިވާއިރު، މިހާލަތުގައި ނާޒުކު ހާލަތްތަކުގައިވާ ފަރާއްތަކަށާއި އެހެން މީހުނަށްވެސް ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑުކަމަށެވެ. އަދި ނާޒުކު ހާލަތްތަކުގައިވާ މީހުންގެ ތެރޭގައި ތުއްތު ކުދިންނާއި ކުޑަކުދިން އުމުރުން ދުވަސްވީ މީހުން، މާބަނޑު މީހުން، ނޭވާލާ ނިޒާމާއި ހިތުގެ ބައްޔައް ފަރުވާ ކުރާ މީހުންގެ އިތުރުން، އެލާރޖީ މައްސަލަ ހުންނަ މީހުން ހިމެނޭކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ހަމައެހެންމެ، އެފަދަ މީހުން ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުން ފަދަ ކަންތައްތައް ކުރުން މަޑުޖައްސާލުމާއި ބޭރަށް ނުކުންނަން ޖެހޭ ހާލަތްތަކުގައި އެން95 ނުވަތަ އެފަދަ މާސްކު އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބޭރުގެ ވައި ނުވަންނާނެހެން ގޭގެ ދޮރުތައް ލެއްޕުމާއި އެއަރ ޕިއުރިފަޔަރ ބޭނުންކުރުން މުހިންމުކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ނުރައްކާ މިންވަރަށް ވައި ނުސާފުވެ، ށ. ފުނަދޫ، ދ. ކުޑަހުވަދޫ، ލ. ގަން، އަދި ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީއަށް ވެސް ވަނީ މެދުމިންވަރަކަށް ވައި ނުސާފުކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފައިއެވެ.

Ads by HDC