ޚަބަރު ވިޔަފާރި

ޖުމްލަ ރިޒާވު މިދިޔަ އަހަރަށްވުރެ % 132 އިތުރު ވެއްޖެ

ފާތިމަތު އަފްނާން ، ދެން އޮންލައިން

ރާއްޖޭގެ ޖުމްލަ ރިޒާވް ފާއިތުވި އަހަރުގެ ސެޕްޓެމްބަރު މަހަށް ވުރެ، މި އަހަރު 132 ޕަސެންޓް އިތުރު ވެއްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް ރާއްޖޭގެ ޖުމްލަ ރިޒާވްގައި ހުރީ 371.2 މިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް މި އަހަރުގެ ސެޕްޓެމްބަރު މަހު ރިޒާވް ވަނީ 859.5 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. މިއީ 488 މިލިއަން ޑޮލަރު ނުވަތަ 132 ޕަސެންޓުގެ އިތުރުވުމެކެވެ.

އެމްއެމްއޭގެ އިކޮނޮމިކް އަޕްޑޭޓުގައި ބުނެފައިވާ ގޮތުން އޮގަސްޓް މަހު ޖުމްލަ ރިޒާވް ހުރީ 810 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރާ އަޅާކިޔާ ނަމަ 50 މިލިއަން ޑޮލަރު އިތުރު ޢަދަދެކެވެ.

މި ރިޕޯޓް ދައްކާ ގޮތުން ރާއްޖޭގެ ޔޫޒަބަލް ރިޒާވްގައި މިހާރު ހުރީ 280 މިލިއަން ޑޮލަރެވެ. މި އަދަދު ހިސާބު ކުރަނީ ކުރު މުއްދަތުގެ ދަރަންޏާއި އިމްޕޯޓް ކެނޑުމަށް ފަހުއެވެ. މި އަދަދަކީ ގާތްގަނޑަކަށް ތިން މަހުގެ އިމްޕޯޓަށްވާ ވަރުގެ ފައިސާއެވެ.

ރާއްޖޭގެ ރިޒާވް އިތުރުވަމުން ދަނީ ޓޫރިޒަމް ރަނގަޅުވުމާއި ބޭންކިން ނިޒާމަށް މާރުކުރާ ޑޮލަރުގެ އަދަދު އިތުރުވަމުން ދިއުމުންނެވެ.

ސަރުކާރުން އަންނަ އަހަރުގެ ބަޖެޓުގައި ބުނެފައިވާ ގޮތުން އަންނަ އަހަރުގެ ރާއްޖޭގެ ޖުމްލަ ރިޒާވް 903.7 މިލިއަން ޑޮލަރުގައި ހިފެހެއްޓޭނެއެވެ. މި އަހަރު ނިމޭއިރު ރިޒާވް ހުންނާނީ 848.6 މިލިއަން ޑޮލަރުގައެވެ.

Ads by HDC