އެސްޓީއޯ ރަމަޟާން ބާޒާރު: 50% ޑިސްކައުންޓާއި ފައިސާގެ އިނާމް
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ކޮންމެ އަހަރަކު ވެސް ރަމަޟާންމަހަށް ހާއްސަ ކޮށްގެން ކުރިއަށްގެންދާ ރަމަޟާން ބާޒާރުގެ މި އަހަރުގެ ޕްރޮމޯޝަން ފަށައިފިއެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވުނު ޚާއްސަ ހަފްލާއެއްގައި މި ޕޮމޯޝަން ފައްޓަވައިދެއްވީ އެޗްޑީސީގެ ޗެއަރމަން އަދި އެސްޓީއޯގެ ކުރީގެ އެމްޑީ އަޙްމަދު ޝަހީރެވެ.
އެސްޓީއޯއިން ބުނީ، މި އަހަރުގެ ރަމަޟާން ބާޒާރު އަންނަ އަހަރުގެ މާރިޗް މަހުގެ 18ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށާއި ގިނަ ބާވަތްތަކަކުން އަގުހުރި ޑިސްކައުންޓްތަކެއް ލިބޭނެ ކަމަށެވެ. އަދި ބައެއް ހޯމް އެޕްލަޔަންސް އައިޓަމްތަކުން %50 އާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ ކަމަށް ވެސް އެސްޓީއޯއިން ބުނެއެވެ.
މީގެ އިތުރުން، ކޮންމެ ހަފްތާއަކު ކޫޕަންތައް ލިބޭ ކަސްޓަމަރުންގެ ތެރެއިން ކޮންމެ ވެސް އެއް ފަރާތަކަށް ޚާއްސަ ގިފްޓް ހެމްޕަރެއް ލިބިގެންދާނެ ކަމަށާއި ޕްރޮމޯޝަން ނިމުމާ އެކު، ޕްރޮމޯޝަންގެ މުއްދަތުގައި ވިޔަފާރިކޮށް ކޫޕަން ލިބުނު ހުރިހާ ކަސްޓަމަރުންގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ނަސީބުވެރި، އެއް ފަރާތަކަށް ޕްރޮމޯޝަންގެ ގްރޭންޑް ޕްރައިޒް ކަމުގައިވާ 100،000ރގެ ފައިސާގެ އިނާމު ލިބިގެންދާނެ ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.
އެސްޓީއޯ ރަމަޟާން ބާޒާރު ޕްރޮމޯޝަން، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އިތުރުން ވިލިމާލެ ފިހާރަ އަދި ރީޖަނަލްސްގެ 11 އައުޓްލެޓްގައި ކުރިއަށްދާނެ ކަމަށް ވެސް އެސްޓީއޯއިން މަޢުލޫމާތުދެއެވެ.

