ޚަބަރު

ސިވިލް ކޯޓުގެ ފީތައް އެތައް ގުނައެއް ބޮޑުކޮށްފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ސިވިލް ކޯޓު ހިންގާ ޖަސްޓިސް ބިލްޑިން: މަދަނީ އިޖުރާތުގެ ގާނޫނަށް އަމަލުކުރަން ފެށުމާ އެކު މަދަނީ މައްސަލަތައް ވަނީ ތޮއްޖެހިފައި / ފޮޓޯ:ދެން އިމޭޖްސް

ސިވިލް ކޯޓުގެ ހިދުމަތްތައް ހޯދުމަށް ކަނޑައަޅާފައި ހުންނަ ފީތައް އެތައް ގުނައަކަށް ބޮޑުކޮށްފިއެވެ.

Ads by STELCO

މިހާރު އަމަލުކުރަމުންދާ ސިވިލް ކޯޓުގެ ހިދުމަތްތަކަށް ފީ ނެގުމުގެ އިދާރީ އުސޫލުގައި އޮންނަ ގޮތުން، އެއްބަސްވުމާއި ލިޔުން ރަޖިސްޓްރީކުރުމާއި ތަސްދީގުކުރުމަށް ނަގަނީ 100 ރުފިޔާގެ ފީއެކެވެ.

ނަމަވެސް އާ އުސޫލުގައި ވަނީ އެތައް ގުނައެއް ފީ ބޮޑުކޮށްފައެވެ. އެއްބަސްވުމެއް ނުވަތަ ލިޔުމެއް ރަޖިސްޓްރީކޮށްދިނުމަށް، އާ އުސޫލުގެ ދަށުން ދެން ނެގޭނީ 2500 ރުފިޔާގެ ފީއެކެވެ. އެއްބަސްވުމެއް ނުވަތަ ލިޔުމެއް ތަސްދީގުުކުރުމަށް 1500 ރުފިޔާގެ ފީއެއް ނަގާނެއެވެ. އަދި ޑިއު ޑިލިޖެންސްގެ ބޭނުމަށް މައުލޫމާތު ސާފުކޮށްދިނުމަށް ފީގެ ގޮތުގައި 500 ރުފިޔާ ނަގާނެއެވެ.

ހަމައެހެންމެ، ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ދޫކުރުމަށް އިދާރީ ފީގެ ގޮތުގައި 100 ރުފިޔާ ނެގުމަށް ވެސް ވަނީ ހަމަޖެހިފައިއެވެ. މި ރިޕޯޓުގެ ޕްރިންޓު ކޮޕީއެއް ނަގާ ނަމަ ކޮންމެ ސަފުހާއަކަށް 5 ރުފިޔާ ނެގާނެއެވެ.

Ads by Allied Insurance