ސަރުކާރު

4000 ފްލެޓުތަކުގެ ޑައުންޕޭމަންޓާއި ކުއްޔަށް ލުއި ދޭނަން: ރައީސް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ތަރައްޤީކޮށްފައިވާ 4000 ހައުސިންގ ޔުނިޓަށް ދައްކަން ޖެހޭ ޑައުންޕޭމަންޓާއި ކުއްޔަށް ލުއި ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by MPL

ރޭ ގަލޮޅު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް އިމާދުއްދީން ސްކޫލުގައި ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަންޖެހޭ 25،000 ރުފިޔާއާއި މަހު ކުއްޔަށް ގެނެވޭނެ އެންމެ ރަނގަޅު ޙައްލެއް ގެނެސްދެއްވާނެ ކަމަށާއި ފްލެޓްތަކުގެ މަސައްކަތްތައް ނިމުމާ ގާތްވެފައިވާ ކަމަށެވެ. އަދި މިހާރު ފުލެޓްތަކަށް ފެނާއި ކަރަންޓު ދިނުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި އަންނަ ހަފްތާގެ ތެރޭގައި ފްލެޓްތައް ހަވާލުކޮށް ނިންމާ، މި މަހުގެ ތެރޭގައި ފުލެޓްތަކަށް ވަދެވޭވަރުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

4000 ފުލެޓުގެ ޑައުންޕޭމަންޓު އުނިކޮށްލުންތޯ. ނޫނީ މަހުން މަހަށް ދައްކަންޖެހޭ ވަރަށް ކޮންބަދަލެއްތޯ ގެނެވޭނީ. ތި އިޝޫއަށް ގެނެވެން އޮތް އެންމެ ރަނގަޅު ބަދަލެއް، ތިކަންބޮޑުވުންތަކަށް އެޑްރެސް ކުރުމަށް ޓަކައި ގެނެސްދޭނަން" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ފްލެޓުތައް ހަވާލު ކުރުމުގައި ސަރުކާރުން އެއްވެސް ފަރާތަކަށް ލިބިފައިވާ ޕޮއިންޓަށް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށާއި ފްލެޓުތައް ދެވިފައި ވަނީ މިދިިޔަ ސަރުކާރުން ފްލެޓުތައް ދިނުމަށް ނިންމާފައިވާ ފަރާތްތަކަށް ކަމަށެވެ. އަދި އެ ލިސްޓަށް ސަރުކާރުން އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވައިފައެވެ.

މި ފުލެޓުތަކަށް ސަރުކާރުން މިހާރު ކަނޑައަޅައިފައި ވަނީ، 2 ކޮޓަރީގެ އެޕާޓްމަންޓްތަކަށް 15،000 ރުފިޔާގެ ޑިޕޮސިޓެއް، 3 ކޮޓަރީގެ އެޕާޓްމަންޓްތަކަށް 25،000 ރުފިޔާގެ ޑިޕޮސިޓެއް ދެއްކުމަށެވެ. އަދި ޤަވާއިދުން ކުލި ދައްކާ ފަރާތްތަކަށް ސަބްސިޑީއެއް ދޭން ސަރުކާރުން ވަނީ ނިންމަވައިފައެވެ. އެގޮތުން 3 ކޮޓަރީގެ އެޕާޓްމަންޓަށް މަހަކު 9000 ރުފިޔާ، 2 ކޮޓަރީގެ އެޕާޓްމަންޓްތަކަށް 7000 ރުފިޔާއަށް ކުލި ކުޑަކޮށްދިނުމަށް ވަނީ ނިންމައިފައެވެ.

Ads by HDC