ރާއްޖޭގައި ހޯމް ސްކޫލިންގ ތަޢާރަފުކުރުން މުހިންމު: ރާޝިދާ
ދިރާސާތަކެއްކޮށް، ޤާނޫނެއްގެ ދަށުން ނަމަވެސް ދިވެހިރާއްޖެއަށް ހޯމް ސްކޫލިންގ ތަޢާރަފުކުރުން މުހިންމު ކަމަށް ކުރީގެ މިނިސްޓަރު ރާޝިދާ ޔޫސުފް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ގަލޮޅު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް އިމާދުއްދީން ސްކޫލުގައި ބޭއްވި ޙަފްލާގައި ވާހަކަ ދައްކަވަމުން ރާޝިދާ ވިދާޅުވީ، ރާއްޖޭގެ ސްކޫލުތަކުގައި މިހާރު އޮންނަނީ ހުސް މުބާރާތްތައް ކަމަށާއި މިހާރު ކިޔެވުމަކީ ވެސް މުބާރާތެއް ކަމަށެވެ. އަދި ދަރިވަރުންނާއި ބެލެނިވެރިން އަދި މުދައްރިސުންނަށް ހަމަޖެހިގެން ނޭވާލާނެ ވަގުތެއް ނުލިބޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
މީގެ އިތުރުން ދަރިވަރުން 12 އަހަރު ސްކޫލު މާޙައުލު ނިންމާއިރު ކިޔެވުމުގެ ފެންވަރު ދަށް ކަމަށާއި މަތީ ނަތީޖާ ނެރެނީ ޕާސްޕޭޕަރުގެ ސުވާލުތައް ހިތު ދަސްކޮށްގެން ކަމަށް ރާޝިދާ ވިދާޅުވިއެވެ. އަދި ވަޒީފާގެ މާޙައުލަށް ނިކުންނަ ކުދިންނަށް ސިޓީއެއް ލިޔެލަން ނޭނގޭ ކަމަށާއި އަދަބު އިޙްތިރާމެއް ކުރަން ކުދިންނަށް ނޭނގޭ ކަން އެކަމަނާ ފާހަގަ ކުރެއްވިއެވެ.
މިކަހަލަ ކުދިންތަކެއް ނެރެގެން މުސްތަޤުބަލުގައި އަޅުގަނޑުމެން ކިހިނެއް ޤައުމު ހިންގާނީ. މިހާލަތުގައި އަޅުގަނޑުމެން ކުދިންނަށް ތަޢުލީމު ދޭނެ ތަފާތު ގޮތްގޮތް ހޯދަންޖެހޭ. ދުނިޔޭގެ އެހެން ތަންތާގައި ތަޖުރިބާކުރާ ތަފާތު ގޮތްގޮތް ހޯދަންޖެހޭ. އެކަހަލަ ކަމެއް ތައާރަފް ކުރާއިރު ވަރަށް ބައިވަރު ދިރާސާ ކޮށްގެން މީގެ ހެވާއި ނުބައި ހޯދައިގެން، ގާނޫނީ އޮނިގަނޑަކަށް ފައްތަންޖެހެންޏާ ފައްތައިގެން ނަމަވެސް ތަފާތު އޮޕްޝަންތައް ތައާރަފްކުރަންޖެހޭ. އެގޮތުން އަޅުގަނޑު ހުށަހަޅަން ހޯމް ސްކޫލިން ތަޢާރަފްކުރަން.
ރާޝިދާ ޔޫސުފް ވިދާޅުވިއެވެ.
ރާޝިދާއަކީ އުނގަންނައިދިނުމުގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލްކުރައްވައިފައިވާ، ސްކޫލު ހިންގުމުގެ ދާއިރާގައި ވެސް ދިގު މުއްދަތަކަށް މަސައްކަތް ކުރައްވާފައިވާ ތަޢުލީމީ ދާއިރާގެ ތަޖުރިބާ ހުރި ބޭކަނބަލެކެވެ. އެކަމަނާ ވަނީ ސްކޫލު މާޙައުލުގައި ކުދިންގެ އަޚްލާޤު ދަށްވުމާއި ތަޢުލީމީ ވައްޓަފާޅި ކުރިއަށްދާ ގޮތާ މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައި ވާހަކަ ދައްކަވައިފައެވެ.

