ޚަބަރު

މީޑިއާ ގްރާންޓްގެ އުސޫލާ ގުޅޭ ގޮތުން މީޑިއާތަކާ އެކު މަޝްވަރާކޮށްފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

މީޑިއާ ގްރާންޓްގެ އުސޫލާ ގުޅޭ ގޮތުން ބައެއް މީޑިއާތަކުގެ އިސްވެރިންނާ އެކު، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު މަޝްވަރާކޮށްފިއެވެ.

Ads by STELCO

އެ ބައްދަލުވުން މިއަދު ކުރިއަށްގެންދިޔައީ މީޑިއާ ކޮމިޝަނުގެ މީޓިން ހޯލެއްގައެވެ. މީޑިއާ ކޮމިޝަނުގެ ބައެއް މެންބަރުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ދައުލަތުން މީޑިއާތަކަށް މާލީ އެހީއެއް ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

މި އަހަރުގެ ދައުލަތުގެ ބަޖެޓްގައި ވެސް އެ ފައިސާ ހިމެނިއެވެ. ފައިސާ ހިމެނީ ޔޫތު އެންޑް އިންފޮމޭޝަން މިނިސްޓްރީގެ ބަޖެޓުގެ ތެރޭގައެވެ. އެހެންވެ ރައީސް އޮފީހުން މި މަހުގެ ކުރީކޮޅު ވަނީ އަހަރުގެ ފަހު މަހަށްވާތީ، މަސް ނިމުމުގެ ކުރިން މީޑިއާތަކަށް ފައިސާ ދޫކުރުމަށް ޔޫތު މިިނިސްޓްރީއަށް އަންގައިފައެވެ.

އެ މިނިސްޓްރީން މީގެ ކުރިން އުސޫލެއް ހަދައި ފައިސާ ދޫކުރާ މީޑިއާތަކުގެ ނަންތަކާއި އެއިން ކޮންމެ މީޑިއާއަކަށް ލިބޭނެ ފައިސާގެ އަދަދުތައް ވެސް އާންމުކޮށްފައެވެ. ނަމަވެސް އެ ކަމުގެ އިންސާފުވެރިކަމާ މެދު ބައެއް މީޑިއާތަކުން ސުވާލު އުފައްދައި ޝަކުވާ ބޮޑުވެގެން، އެ އިއުލާން ބާތިލްކޮށް އުސޫލު ހެދުމުގެ މަސައްކަތް ކޮމިޝަނާ ހަވާލުކުރިއެވެ. އަދި ފައިސާ ދޫކުރުމަށް ވެސް އިއްޔެ ޔޫތު މިނިސްޓްރީއާއި މީޑިއާ ކޮމިޝަނާ މެދު އެމްއޯޔޫއެއްގައި ސޮއިކުރެވިގެން ދިޔައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!