މިއީ ކޮރަޕްޝަންގެ ލައްގަނޑެއް ޖައްސަން ސިޔާސީ ވާދަވެރިން ކުރާ މަސައްކަތެއް، އެހެންވިޔަކަ ނުދޭނަން: މޭޔަރ ޝިފާ

ސިނަމާލެ ބްރިޖު ކައިރީ ހަދާފައިވާ ލޮނުޒިޔާރަތް ޕާކުގެ މައްސަލައިގައި ކުރާ ކޮރަޕްޝަންގެ ތުހުމަތަކީ މަސައްކަތުގައި ކޮރަޕްޝަންގެ ލައްގަނޑެއް ޖައްސަން ސިޔާސީ ވާދަވެރިން ކުރާ މަސައްކަތެއް ކަމަށާއި، އެކަން ވިޔަ ނުދޭނެ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
މާލޭސިޓީ ކައުންސިލުން ހިންގި މަޝްރޫޢު އެއްގެ ދަށުން ގާއިމުކުރި ލޮނުޒިޔާރަތް ޕާކުގައި އިމާރާތްތަކެއް ހެދުމުގެ މަސައްކަތުގެ ތެރެއިން ދެ ފާޚާނާ ބަރިއެއްގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނާއި ހަވާލު ކޮށްފައިވަނީ އެއްވެސް ލިޔެކިޔުމެއްނެތި ދެފުށް ފެންނަ އުސޫލަކުން ނޫން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ފާހަގަ ކޮށްފައެވެ. އަދި މިކަމާއި ގުޅިގެން މޭޔަރު ޝިފާގެ ކޮރަޕްޝަންގެ މައްސަލައެއް އެކޮމިޝަނުން ވަނީ ޕީޖީ އަށް ފޮނުވާފައެވެ.
މިމައްސަލައާއި ގުޅިގެން މޭޔަރު ޝިފާ ނެރުނު ބަޔާނެއްގައި ވިދާޅުވީ އެ މައްސަލައިގައި ވެސް އަދި މާލޭ ސިޓީގެ މޭޔަރުގެ ހައިސިއްޔަތުން އޭނާއާ މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމުގައި އެއްވެސް އިރަކު، ރައްޔިތުންގެ ޓެކްސް ފައިސާއިން ނުވަތަ މުދަލާމެދު އެއްވެސް އިރެއްގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
އެ މަޝްރޫއަކީ ރައީސް އޮފީހާއި، ޕްލޭނިން މިނިސްޓްރީ އަދި ސިޓީ ކައުންސިލުން ހާއްސަ ސަމާލުކަމެއް ދީގެން ރައްޔިތުންނަށް ކޮށްދޭ މުހިންމު މަސައްކަތެއް ކަމަށް ވެސް ޝިފާ ވިދާޅުވިއެވެ.