ވާނުވާ ބަންދުގެ މައްސަލަތައް މާރިޗު މަހަށް ނިމޭނެ: ރައީސް
ޝަރީއަތް ނިމެންދެން ވަކި މުއްދަތެއްނެތް ގޮތަށް ޖަލުގައި ތިބި މީހުންގެ ތެރެއިން އަހަރަކަށް ވުރެ ގިނަ ދުވަހަށް ދެމިގެންގޮސްފައިވާ މައްސަލަތައް، އަންނަ އަހަރުގެ މާރިޗު މަހުގެ ކުރިން ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރޭ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވާނުވާ ބަންދުގެ މައްސަލަ ހައްލުވާން ދެން މާ ގިނަ ދުވަހެެއް ނުވާނެ ކަމަށާއި މިއީ އެތަށް އަހަރެއް ވެފައިވާ މަސައްލަތަކެއް ކަމަށެވެ. އަދި ވާނުވާ ބަންދުގެ އިތުރުން އެހެން މައްސަލަތައް ވެސް ވަރަށް އަވަހަށް ނިންމާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެއް އަހަރު ވެފައި ތިބި ގިނަ މީހުންގެ މައްސަލަތައް ކުރިއަށް އޮތް ތިން މަހެއްހާ ދުވަސް ތެރޭގައި އެއްކޮށް ކޯޓު މަރުހަލާތައް ނިމި ކޮންމެ ވެސް ގޮތެއް ނިމޭނެ. ދެން ހުރި މައްސަލަތައް ވެސް ނިމޭނެ. އެހެންވީމާ މާ ގިނަ ދުވަހެއް ދެން ނުވާނެ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، ވާނުވާ ބަންދުގައި 343 މީހުން އެބަތިބި ކަމަށެވެ. އެއީ އެއްޖިންސުން ގުޅުން ހިންގުން، ހަށިވިއްކުން، ތަންތަނުގައި ރޯކުރުން، ރަހީނުކުރުން، ގެވެށިއަނިޔާ، ހަތިޔާރު ބޭނުންކޮށްގެން ވައްކަން ކުރުން އަދި މަނީ ލޯންޑަރިން ފަދަ މަައްސަލަތަކުގައި ވެސް ވަރަށް ގިނަ ބަޔަކު ވާނުވާ ބަންދުގައި އެބަތިބި ކަމަށެވެ. އެ މައްސަލަތަކަށް ވެސް ނިމިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

