ދޮންފަނުގައި ސޯލާ- ޑީސަލް ހައިބްރިޑް ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފި
ބ. ދޮންފަނުގައި ތިމާވެއްޓާ ރައްޓެހި ހަކަތަ އުފެއްދުމަށްޓަކައި، ސޯލާ-ޑީސަލް ހައިބްރިޑް ނިޒާމެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ، އެ މަޝްރޫއުގެ ދަށުން ދޮންފަނުގައި 301 ކިލޯވޮޓް ޕީކް ގެ ސޯލާ ފޮޓޯވޮލްޓައިކް ނިޒާމަކާއި، 537.6 ކިލޯވޮޓް އަވާގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމެއް ގާއިމުކުރެވޭނެ ކަމަށެވެ.
މިއީ އެ ރަށުގައި ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޑީސަލްގެ މިންވަރު މަދުކޮށް، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ،އެ ނިޒާމު ރަސްމީކޮށް ބޭނުންކުރަން ފެށުމުން، އެ ރަށުގައި ކަރަންޓު އުފެއްދުމަށް އަހަރަކު ބޭނުންކުރާ ޑީސަލްގެ ތެރެއިން 141,443 ލިޓަރުގެ ޑީސަލް ސަލާމަތް ކުރެވި ޖައްވަށް ބޭރުކުރާ ކާބަން ޑައިއޮކްސައިޑްގެ މިންވަރުން އަހަރަކު 347 ޓަނު މަދުވެގެންދާނެ ކަމަށެވެ.
މި މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަކަތައިގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. ރައީސް މުއިއްޒުގެ އަމާޒަކީ 2028ވަނަ އަހަރު އަންނަންވާއިރަށް، ރާއްޖޭގެ ކަރަންޓުގެ ބޭނުންތަކުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމެވެ.

