ޚަބަރު

މުދަލުގެ އަގު ކަނޑައެޅުމުގެ ހަރުދަނާ އުސޫލުތަކެއް ކަސްޓަމްސްއިން ގާއިމުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ކަސްޓަމްސްގެ ކޮމިޝަނަރު ޖެނެރަލް ފާތިމަތު ދިޔާނާ---

މުދަލުގެ އަގު ކަނޑައެޅުމުގެ ހަރުދަނާ އުސޫލުތަކެއް މޯލްޑިވްސް ކަސްޓަމްސްއިން ގާއިމުކޮށްފިއެވެ.

Ads by STELCO

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވާ ގޮންޖެހުންތައް އޮޅުންފިލުއްވުމަށް މިދިޔަ މަހުގެ 17ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެފަދަ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައިފައެވެ. އަދި އެ ބައްދަލުކުރެއްވުމުގައި، ކަސްޓަމްސްއަށް ވެރިފައިބަލް ލިޔެކިޔުމާ އެކު އިންވޮއިސްގެ އަގު ފާސްކުރުމަށް ހުށަހަޅާ އަގަށް ވުރެ ބޮޑު އަގެއް ކަނޑައަޅާ މައްސަލަ ހައްލުކޮށްދިނުމަށް ވިޔަފާރިވެރިން އޮތީ އެދިފައެވެ.

ކަސްޓަމްސްއިން ބުނީ ވިޔަފާރިވެރިން އެދުނުގޮތަށް އެ މައްސަލަ ހައްލުކުރުމަށް ކަސްޓަމްސްއިން މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެގޮތުން ކަސްޓަމްސްގެ ޤާނޫނުގެ 63ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަންގެ "އެގްރީމަންޓް އޮން އިމްޕްލިމެންޓޭޝަން އޮފް އާޓިކަލް VII އޮފް ދަ ޖެނެރަލް އެގްރީމަންޓް އޮން ޓެރިފްސް އެންޑް ޓްރޭޑް 1994" އާ އެއްގޮތްވާ ގޮތުގެ މަތިން، މުދަލެއްގެ ކަސްޓަމްސްގެ އަގު ކަނޑައެޅުމުގައި އަސާސީ އުސޫލު ކަމަށް ބަލާނީ، އެ މުދަލެއްގެ މުޢާމަލާތުގެ އަގު ނުވަތަ "ޓްރާންސެކްޝަން ވެލިއު"އަށް ބަލައިގެން ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

އެހެންކަމުން ވެރިފައަބަލް ލިޔެކިޔުމާ އެކު މުދަލުގެ އަގު ކަނޑައެޅުމަށް ކަސްޓަމްސްއަށް ހުށަހެޅުމުން އެ އަގު ގަބޫލުކުރާނެކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.

އަދި ވެރިފައަބަލް ލިޔެކިޔުން ހުށަހަޅައިފައި ނުވާ ނަމަ އެގްރީމަންޓަށް ރިޔާއަތްކޮށް ކަސްޓަމްސްއަށް ހުށަހެޅި އަގު 25 އިންސައްތައަށް ވުރެ ބޮޑުކުރަން ޖެހިއްޖެ ނަމަ، ވެރިފަރާތުން ރިކުއެސްޓް ނުކުރި ނަމަވެސް އެ މުދަލާ ގުޅޭގޮތުން ކަސްޓަމްސްއިން އިތުރު ބެލުންތައް ބަލާނެކަމަށް ބުންޏެވެ.

ކަސްޓަމްސްއިން ބުނީ ވެރިފިކޭޝަން ހެދުމުގެ އިތުރު މަރުޙަލާއެއް ކުރިއަށް ގެންގޮސް، އަގު ރިވިއު ކުރެވޭނެ ހަރުދަނާ ޕްރޮސެސްއެއް މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ގާއިމުކޮށްފައިވާ ކަމަށެވެ. އަދި  ބަދަލުކުރާ އަގު، ހުށަހެޅި އަގުގެ 25 އިންސައްތަ ކުޑަ ނަމަ، މިހާރު ވެސް އަމަލުކުރާ އުސޫލުން 3 މަރުޙަލާއެއްގައި، އެ އަގު ރިވިއުކޮށްދިނުމަށް ރިކުއެސްޓްކުރުމުގެ ފުރުސަތު ލިބޭނެކަމަށް ކަސްޓަމްސްއިން ބުންޏެވެ.