އަމިއްލަ ހޮސްޕިޓަލުތަކަށް އާސަންދައިން ކުރި ހަރަދު ތިން ބިލިއަނަށް ވުރެ މަތީގައި
ފަސް އަހަރުގެ ތެރޭގައި އަމިއްލަ ހޮސްޕިޓަލުތަކަށް އާސަންދައިން ކުރި ހަރަދު ތިން ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާފައިވާކަން ހާމަވެއްޖެއެވެ.
އޮޑިޓް އޮފީހުން މިއަދު ނެރުނު އިޖުތިމާއީ ސިއްހީ އިންޝުއަރަންސް ސްކީމުގެ ޕާފޯމަންސް އޮޑިޓް ރިޕޯޓްގައި ބުނެފައިވާ ގޮތުން 2019އިން 2024އަށް އާސަންދައިން އަމިއްލަ ހޮސްޕިޓަލުތަކަށް ވަނީ 3.1 ބިލިއަން ރުފިޔާ ޖުމްލަ ހޭދަކޮށްފައެވެ. އެއީ ރާއްޖެއިން ބޭރުގެ ހޮސްޕިޓަލުތައް ވެސް ހިމެނޭ ގޮތަށެވެ.
ހޮސްޕިޓަލުތަކުގެ އިތުރުން ކްލިނިކްތަކަށް ވެސް އެ މުއްދަތުގެ ތެރޭގައި އާސަންދައިން ބޮޑު ހަރަދެއްކޮށްފައިވާކަން ވަނީ ހާމަވެފައެވެ.
އެގޮތުން ކްލިނިކްތަކަށް ވެސް 779.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު ކްލިނިކުތަކަށް އަހަރުން އަހަރަށް ކުރި ހަރަދު ވެސް 18 ޕަސެންޓް އިތުރުވަމުން ދިޔަކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައި ވެއެވެ.
އަމިއްލަ ހޮސްޕިޓަލުތަކަށާއި ކްލިނިކްތަކަށް ކުރި ހަރަދު އިތުރުވެފައި ވަނީ އާސަންދަ ސްކީމުގެ އެމްޕެނަލް ކޮމިޓީން ހަމަޖައްސާފައިވާ އަގަށް ވުރެ އިތުރަށް ހިދުމަތްތަކަށް އަގުކުރުމުން ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.
"މިހެން ދިމާވަނީ ސްކީމުގެ އިދާރީ ހިންގުމަށް ބޭނުންކުރާ ޕޯޓަލްތަކުގައި އަދި ހިދުމަތުގެ މާސްޓާސް ލިސްޓުގައި އެކަށީގެންވާ އިންޓާނަލް ކޮންޓްރޯލްތައް ގާއިމުވެފައި ނުވާތީކަމުގައި ވުން" އޮޑިޓް ރިޕޯޓްގައި ބުނެފައި ވެއެވެ.

