ޚަބަރު

40 މީޑިއާއަކަށް 27 މިލިއަން ރުފިޔާ ދޫކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް މުއިއްޒު މީޑިއާތަކާއެކު މީޑިއާ ފެންޑާގައި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅު ފުއްދަވައި 40 މީޑިއާއަކަށް 27 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

Ads by STELCO

މީޑިއާތަކަށް ދޫކުރާ ފައިސާއަށް އެދެން ކުރިން ވެސް ހުޅުވައިލިއެވެ. އަދި މިދިޔަ އޮކްޓޫބަރު މަހު އެ ފައިސާ ދޫކުރަން ނިންމި މީޑިއާތައް އިއުލާން ވެސް ކުރިއެވެ.

އެގޮތުން 18 މީޑިއާއަކަށް ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 28 މިލިއަން ރުފިޔާ ދޭން އޭރު އިއުލާންކުރިއެވެ. ނަމަވެސް، މީޑިއާތަކަށް ފައިސާ ދޫކުރަން ނިންމި އަދަދުތައް އިންސާފުވެރި ނޫންކަމަށް ބުނެ އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން ފައިސާ ދޫކުރަން ނިންމި ލިސްޓު މުރާޖާކުރަން ސަރުކާރުން ނިންމިއެވެ.

އެގޮތުން މުރާާޖާކުރި ލިސްޓުގައި 41 މީޑިއާއެއް ޝަރުތު ހަމަވާކަމަށް ކަނޑައެޅިއިރު ޔޫތު މިނިސްޓްރީން މިއަދު ބުނީ އޭގެ ތެރެއިން 40 މީޑިއާއަކަށް ޖުމްލަ 27.3 މިލިއަން ރުފިޔާ މިއަދު ދޫކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެ ފައިސާ ދޫކުރި މީޑިއާތަކާއި ވަކި ވަކި މީޑިއާތަކަށް ދޫކުރި ފައިސާގެ އަދަދު ސާފެއް ނުވެއެވެ.

މީޑިއާތަކަށް އެހީ ދިނުމަށް އެކުލަވާލި އުސޫލުގެ ދަށުން އެހީ ދޭނީ ރަޖިސްޓަރީ ކޮށްގެން ހިންގާތާ އެއްއަހަރު ދުވަސްވެފައިވާ މީޑިއާތަކަށެވެ.

އެހީ ދޭ މީޑިއާތައް ކަނޑައަޅަން މާކްސްދޭއިރު ރަޖިސްޓްރީކޮށްގެން، މީޑިއާ ހިންގަމުންދާ މުއްދަތަށާއި އަދި އެ މީޑިއާގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދަށް ވެސް ބަލާނެކަމަށް އުސޫލުގައި ބުނެފައި ވެއެވެ.

Ads by HDC