ދިވެހި ބަހުގެ އެކެޑަމީގެ ރައީސަކަށް ޝާކިރު އިންތިހާބުވެއްޖެ
ދިވެހި ބަހުގެ އެކެޑަމީގެ ރައީސްއަކަށް ޅެންވެރިޔާ ހަސަން ޝާކިރު މުހައްމަދު އިންތިހާބުވެއްޖެއެވެ.
ބަހުގެ އެކެޑެމީގެ ރައީސްގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ޑރ. އަޝްރަފް އަބްދުއްރަހީމް މިދިޔަ އަހަރު ނިމުނުތަނުން އިސްތިއުފާ ދެއްވުމުންނެވެ.
އެހެންވެ މިއަދު ހެރިޓޭޖް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެ މަގާމަށް ބޭފުޅަކު އިންތިހާބުކުރަން ވޯޓު ލައިފައެވެ.
"ދެން"އަށް އެނގިފައިވާ ގޮތުން އެންމެ ގިނަ ވޯޓު ލިބިގެން ބަހުގެ އެކެޑެމީގެ ރައީސްގެ މަގާމަށް ހޮވުނީ ޝާކިރުއެވެ.
ޝާކިރުއަކީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުންނާއި، އަދަބިއްޔާތު ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ.
ޝާކިރުއަށް ވަނީ، ދިވެހި ޅެންވެރިކަމުގެ ރޮނގުން 1998ވަނަ އަހަރު، އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު، އަދި 2007ވަނަ އަހަރު، ދިވެހި އަދަބިއްޔާތަށް ހިދުމަތް ކުރުމުގެ ދާއިރާއިން، ދިވެހިބަހުން ވާހަކަދެއްކުންތެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު އަރުވައިފައެވެ.

