ދިއްދޫ ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް19 އަށް ފައްސިވެއްޖެ
ހއ. ދިއްދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ފައްސިވެފައި ވަނީ ހޯމް ކަރަންޓީނުގެ ހުރި ބިދޭސީ ޑޮކްޓަރެކެވެ. އަދި މި މީހާ ފައްސިވެފައިވާ ކަން އެނގިފައި ވަނީ ކަރަންޓީނުގެ މުއްދަތު ނިމުމުން ހެދި ކޮވިޑް ޓެސްޓުންނެވެ.
ފައްސިވި މީހާ މިވަގުތު ހުރީ އޭނާ ދިރިއުޅޭ ފްލެޓުގައި އެކަހެރި ވެގެންނެވެ.
ދިއްދޫ ކައުންސިލުން ވަނީ ދިއްދޫ އިން މީހަކު ފައްސިވެފައިވާ ކަން އާންމުންގެ ސަމާލުކަމަށް ގެނެސްފައެވެ. އެގޮތުން ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ ހޯމް ކަރަންޓީނުގައި މީހުންނާއި، ބައްދަލުކުރުމަށް އެއްވެސް މީހަކު ނުދިއުމަށާއި ކަރަންޓީނުގައި ތިބި މީހުންގެ ޒަރޫރީ ކަންކަން ފުރިހަމަކޮށް ދިނުމުގައި އެހީތެރިވާ މީހުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އެމަސައްކަތްތައް ކުރުމަށް އެދިފައެވެ.
ދިއްދޫ އިން މީގެ ކުރިން ވެސް ހޯމް ކަރަންޓީނުގައި ތިބި 4 މީހަކު ފައްސިވެފައިވެއެވެ. މި މީހުން މިހާރު ވަނީ ބަލިން ރަނގަޅު ވެފައެވެ.