ކައުންސިލް އަދި ޑަބްލިއުޑީސީ އިންތިހާބަށް ޝަރުތު ހަމަވީ 2993 މީހުން
އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ވާދަކުރުމަށް 3000އަށް ވުރެ ގިނަ ފޯމު ހުށަހަޅާފައިވާއިރު، ޝަތުރު ހަމަވީ 2993 މީހުން ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)އިން ބުނެފިއެވެ.
އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އިއްޔެ ހަވީރު 5:30އަށް ހަމަވިއިރު، ޖުމްލަ 3547 މީހަކު ވަނީ ކުރިމަތިލައިފައެވެ.
އީސީން ބުނީ ކައުންސިލް އިންތިހާބަށް ކުރިމަތިލުމަށް 1936 މީހަކު ފޯމު ހުށަހަޅާފައިވާއިރު، އޭގެތެރެއިން ޝަރުތު ހަމަވީ 1610 މީހުން ކަމަށެވެ. އަދި އަންހެނުންގެ ކޮމެޓީއަށް ކުރިމަތިލާން 1611 ފޯމު ހުށަހެޅިއިރު ޝަރުތު ހަމަވެފައި ވަނީ 1383 މީހުން ކަމަށް އީސީން ބުންޏެވެ.
އޮންލައިންކޮށް އީފާސް މެދުވެރިކޮށް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިދިޔަ މަހުގެ 17ވަނަ ދުވަހުއެވެ. އެ ނިޒާމު އުނދަގޫވެގެން އިދިކޮޅު ބައެއް ފަރާތްތަކުން ޝަކުވާ ވެސް ކުރިއެވެ. ނަމަވެސް މެނުއަލްކޮށް ފޯމު ހުށަހަޅާ ގޮތަށް ބަދަލުކޮށްފައެއް ނުވެއެވެ.

