ދެ ޑްރެޖަރު ބޭނުންކޮށްގެން ގިރާވަރު ފަޅު ހިއްކަން ފަށައިފި
މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް މިހާރު ހިއްކަމުންދާ ގިރާވަރު ފަޅު ދެ ޑްރެޖަރު ބޭނުންކޮށްގެން ހިއްކަން ފަށައިފި އެވެ.
އެކަން ހާމަކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެކްސްގައި ޕޯސްޓެއްވެސް ކުރައްވައިފަ އެވެ.
ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ މަސް ނިމެން އުޅެނިކޮށެވެ.
ސަރުކާރުން މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ ބޮސްކާލިސް ކުންފުންޏާއެވެ. މި ފަޅުން 56ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އަދި މި ފެށުނު މަޝްރޫޢުގައި ގިރާވަރުފަޅުން 169ހެކްޓަރުގެ ބިމެއް ހިއްކިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
މިދިޔަ މަހުގެ 22ވަނަ ދުވަހު ސަރުކާރުން ވަނީ ގިރާވަރުފަޅުގެ އައު ލޭންޑް ޔޫސް ޕްލޭން އާންމުކޮށްފައެވެ. އެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމާ ގުޅިގެން އެފަޅުން ގޯތި ލިބުނު މީހުންގެ މެދުގައި އަލުން ގުރު ނެގުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ގިރާވަރުފަޅުން ޖުމުލަ 4ސައިޒެއްގެ 4072ގޯތި ދޫކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ގިރާވަރުފަޅުން ދޫކުރާ ގޯތީގެ އަދަދާއި ބޮޑުމިން:
- 1250 އަކަފޫޓުގެ 2603 ގޯތި
- 1650 އަކަފޫޓުގެ 1214 ގޯތި
- 2050 އަކަފޫޓޫގެ 254 ގޯތި
- 2450 އަކަފޫޓުގެ 1 ގޯތި
ގިރާވަރުފަޅު ހިއްކަމުންދާ އިރު ސަރުކާރުން ދަނީ ރަސްމާލެ ތަރައްގީކުރަން ފުށި ދިއްގަރު ފަޅުވެސް ހިއްކަމުން ނެވެ.

