ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް 2025: ބަންގްލަދޭޝް އަދިވެސް އޮތީ ދުނިޔޭގެ އެންމެ ފުލުގައި
ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް (ޓީއައި) އިން ކޮންމެ އަހަރަކު ނެރޭ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) 2025 ގައި ބަންގްލަދޭޝް އަށް ލިބިފައިވަނީ 100 އަކުން އެންމެ 24 ޕޮއިންޓެވެ. މިއާއެކު އެ ގައުމު ވެފައިވަނީ ދުނިޔޭގެ ނިސްބަތުން 13 ވަނައަށް އެންމެ ކޮރަޕްޝަން ބޮޑު ގައުމަށެވެ. 10 ފެބްރުއަރީ 2026 ގައި އާންމުކުރި މި ރިޕޯޓުގައި ބަންގްލަދޭޝްގެ ސްކޯރަށް 2024 ވަނަ އަހަރާ އަޅާބަލާއިރު އެއް ޕޮއިންޓުގެ ކުރިއެރުމެއް ލިބިފައިވީ ނަމަވެސް، މިއީ އެ ގައުމުގެ ގަވަރނަންސް އިސްލާހުކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ހާމަކޮށްދޭ ކަމެކެވެ.
ދުނިޔޭގެ 182 ގައުމުގެ ތެރެއިން ބަންގްލަދޭޝް ރޭންކް ކުރެވިފައިވަނީ 150 ވަނައިގައެވެ. މިއީ 2012 އިން 2025 އަށް އެ ގައުމުގެ އެވްރެޖް ސްކޯރަށްވުރެ ދެ ޕޮއިންޓް ދަށް އަދަދެކެވެ. ދެކުނު އޭޝިއާ ސަރަހައްދަށް ބަލާއިރު، ބަންގްލަދޭޝް އަކީ ދެވަނައަށް އެންމެ ދަށްކޮށް މާކްސް ލިބުނު ގައުމެވެ. މި ސަރަހައްދުން ބަންގްލަދޭޝްއަށްވުރެ ދަށުން މާކްސް ލިބިފައިވަނީ ހަމައެކަނި އަފްޣާނިސްތާނަށެވެ. މީގެ އިތުރުން، ބަންގްލަދޭޝް ހިމެނެނީ 2012 ވަނަ އަހަރަށްވުރެ ކޮރަޕްޝަންގެ ހާލަތު ބޮޑުތަނުން ގޯސްވެފައިވާ 50 ގައުމުގެ ތެރޭގައެވެ.
ސީޕީއައި 2025 ރިޕޯޓުން ހާމަވާގޮތުގައި މުޅި ދުނިޔޭގައިވެސް ކޮރަޕްޝަންގެ ހާލަތު ދަނީ ގޯސްވަމުންނެވެ. ދުނިޔޭގެ ގައުމުތަކުގެ 67 އިންސައްތައަށްވުރެ ގިނަ ގައުމަށް 50 އަށްވުރެ ދަށުން މާކްސް ލިބިފައިވާއިރު، މުޅި ދުނިޔޭގެ އާބާދީގެ 80 އިންސައްތަ މީހުން ދިރިއުޅެމުންދަނީ ކޮރަޕްޝަންގެ މައްސަލަތައް ބޮޑު ގައުމުތަކުގައެވެ. މިދިޔަ އަހަރާ އަޅާބަލާއިރު 37 އިންސައްތަ ގައުމުގެ ސްކޯ ދަށްވެފައިވާއިރު، ކުރިއެރުން ލިބިފައިވަނީ އެންމެ 26 އިންސައްތަ ގައުމަށެވެ.
ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާފައިވަނީ 71 ޕޮއިންޓާއެކު ބޫޓާނެވެ. ދިވެހިރާއްޖެ އާއި އިންޑިއާއަށް 39 ޕޮއިންޓް ލިބިފައިވާއިރު، ސްްރީލަންކާއަށް 35، ނޭޕާލަށް 34 އަދި ޕާކިސްތާނަށް ލިބިފައިވަނީ 28 ޕޮއިންޓެވެ. ދުނިޔޭގެ ނިސްބަތުން އެންމެ ކޮރަޕްޝަން ކުޑަ ގައުމަކަށް ޑެންމާކް ހޮވިފައިވާއިރު، އެންމެ ދަށްކޮށް މާކްސް ލިބިފައިވަނީ ސައުތު ސޫދާން އަދި ސޯމާލިއާއަށެވެ.
ބަންގްލަދޭޝްގައި ހިނގި 'ޖުލައި އުތުރުއެރުމަށް' ފަހު ކޮރަޕްޝަން ނައްތާލުމަށް ކުރެވުނު އުންމީދުތައް އަދިވެސް ފުރިހަމަވެފައި ނުވާކަން ރިޕޯޓުން ފާހަގަކުރެއެވެ. ވަގުތީ ސަރުކާރަށް ދެފުށް ފެންނަ ނިޒާމެއް ގާއިމުކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު، ސިޔާސީ އަދި ބިއުރޯކްރެޓިކް ދާއިރާގެ ހުރަސްތަކާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނުކުޅެދުންތެރިކަމުގެ ސަބަބުން ކޮރަޕްޝަންގެ އަމަލުތައް އަދިވެސް ދަނީ ހިނގަމުންނެވެ.

