އިނގިރޭސި ޕްރިމިއަރ ލީގުގައި ޓޮޓެންހަމް އަތުން 6-1 އިން ޔުނައިޓެޑް ބަލިވި ބަލިވުމަށް ލިޓަސް މެރިން އިން ޖޯކް ޖެހުމަށް ކުރި ޕޯސްޓްގެ ސަބަބުން ހޫނު ފެނަށް ވެއްޓި، ފޭސްބުކް އިން އެ ޕޯސްޓް ރިމޫވް ކޮށްފިއެވެ.
ލިޓަސް މެރިންގެ މި ޕޯސްޓްގައި ލިޔެފައިވަނީ "އެކި ސައިޒުގެ ބުޅިއާއި ކަންވާރު ލިބެން އެބަހުރި" މިހެންނެވެ. އަދި ޕޯސްޓުގެ ތިރީގައި ވަނީ މި މެޗުގެ ނަތީޖާ ހިމަނާފައެވެ. މި ޕޯސްޓް ޖެހުމާއެކު ޔުނައިޓެޑްގެ ސަޕޯޓަރުން ކެކި އަރައިގަތެވެ. އަދި 18 މިނެޓް ތެރޭ އެ ޕޯސްޓް ވަނީ ޕޭޖުން ރިމޫވްކޮށްފައެވެ.
ޕޭޖް އިން ޕޯސްޓް ރިމޫވް ކުރި ނަމަވެސް ފޭނުން ވަނީ އެ ޕޯސްޓްގެ ސުކްރީންޝޮޓް ނަގާ މީސްމީޑިޔާގައި ދައުރު ކުރަން ފަށާފައެވެ. އަދި ރާއްޖޭގައި ބޮޑު ފޭން ބޭސްއެއް އޮންނަ ކްލަބަކާ އެގޮތަށް ހަނގާ ނުކުރެވޭނެ ކަމަށް ބުނެ، ބޮއިކަޓް ލިޓަސް މެރިން ކެންޕެއިނެއް ފަށަން ޖެހިދާނެ ކަމުގެ އިންޒާރު ބައެއް ސަޕޯޓަރުން ވަނީ ދީފައެވެ.
އެޕޯސްޓް ކުރުމާއެކު ލިޓަސްއަށް ފޭނުން ކުރި މެސެޖުތައް ވެސް މީސްމީޑިޔާގައި ދަނީ ދައުރުވަމުންނެވެ. މިގޮތުން، އެކެއްގެ މެސެޖަށް ލިޓަސް މެރިންއިން ރިޕްލައި ކުރަމުން ބުނެފައި ވަނީ މިގޮތަށް މިކަންވީ ތަސައްރަފް ނުފުދޭ މީހުންނަށް ޕޯސްޓް ހަދަން ދިނުމުން ކަމަށެވެ. ނަމަވެސް މިއީ ކިހާ ސައްހަ ސްކްރީންޝޮޓެއް ކަމެއްވަނީ ކަށަވަރުވާ ގޮތް ނުވެފައެވެ.
އޯލްޑް ޓްރެފަޑްގައި ރޭ ކުޅުނު މި މެޗު ޓޮޓެންހަމް ކާމިޔާބުކުރީ 6-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ގޯލް ޖަހާ ކުރި ހޯދީ ޔުނައިޓެޑުންނެވެ.