ޓްރަމްޕް ގެ ޓްވީޓުތައް މިފަހަރު ކެޕްސްލޮކް އިން؛ ބުނީ ހާލު ރަނގަޅު ކަމަށް
މިދިޔަ ހުކުރު ދުވަހުގެ އިރު އެމެރިކާއަށް އެރީ، އެމެރިކާގެ ރައްޔިތުންނަށް ހިތާމަވެރި ޚަބަރަކައިގެންނެވެ. ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 އަށް އެޤައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ފައްސިވި ކަމުގެ ޚަބަރައިގެންނެވެ. ކޮވިޑަށް ފައްސިވެ، މިހާރު އެނދުމަަތި ކުރެވިފައިވާ އެމެރިކާގެ ރައީސްގެ ހާލުކޮޅު ރަނގަޅު ކަމަށް ވައިޓް ހައުސްއިން ބުނި ނަމަވެސް، ނަން ހާމަކުރަން ބޭނުން ނުވާ ރައީސްގެ ގާތް ފަރާތްތަކުން ޓްރަމްޕްގެ ހާލުކޮޅު ރަނގަޅު ނޫން ކަމަށް ބުނާ ކަމަށް ބޭރުގެ މީޑިޔާތަކުން ބުނެފައި ވެއެވެ.
މިލިޓަރީ ހޮސްޕިޓަލުގައި ހުންނަވާ ޓްރަމްޕް އެތަނުގައި އެނދުމަތި ކޮށްފައި ތިބި ސިފައިންނާ ބައްދަލު ކުރެއްވުމުން ގިނަ ބަޔަކު ވަނީ އެކަމަށް ފާޑު ކިޔާފައެވެ. އެގޮތުން ކޮވިޑް-19 ޖެހި ހުރެ ބައްދަލު ކުރެއްވުމުން ސިފައިންނަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑުވެގެންދާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
މި މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައި ޓްރަމްޕް މިވަނީ ޓްވިޓާގައި އޭނާ ބަލިން ރަނގަޅުކަމަށް ދެއްކުމަށް މަސައްކަތް ކޮށް ގިނަ ޓްވީޓުތަކެއް ކޮށްފައެވެ.
އެގޮތުން ކެޕްސްލޮކް އިން ކުރި މި ޓްވީޓުތަކުގައި ޓްރަމްޕް ވަނީ އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށް ބުނެފައެވެ. އަދި އެކި އެކި ސަބަބުތައް ފާހަގަކޮށް ޓްރަމްޕަށް ކުރިއަށް ރިޔާސީ އިންތިޚާބުގައި ވޯޓު ދިނުމަށް އޭނާ ވަނީ އެދިފައެވެ.