ޕީއެންސީގެ މާފަންނު އުތުރު ދާއިރާގެ ޖަގަހަ ފަސްޓްލޭޑީ ހުޅުއްވައި ދެއްވައިފި
ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މާފަންނު އުތުރު ދާއިރާގެ ކެމްޕެއިން ޖަގަހަ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ހުޅުއްވައި ދެއްވައިފިއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަަރައްޤީއަށް މަަސައްކަތް ކުރާ ކޮމެޓީގެ މެންބަރު ކަމަށް މާފަންނު އުތުރު ދާއިރާއިން ޕީއެންސީގެ ކެނޑިޑޭޓުންގެ ގޮތުގައި ވާދަކުރާ ކެނޑިޑޭޓުންގެ ކެންޕެއިން ޖަގަހަ ހުޅުވިގެން ދިޔައީ އެކަމަށް ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި އިސްވެރިންގެ އިތުރުން އެ ދާއިރާގެ ޕީއެންސީއަށް ތާއީދުކުރާ ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.
އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިޚާބަށް އެންމެ ގިނަ ކެނޑިޑޭޓުން ނެރުނީ ކޮންގްރެސް ޕާޓީންނެވެ. ޕީއެންސީއިން ކައުންސިލްތަކުގެ 665ގޮނޑިއަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ 658ގޮނޑިއަށް ވާދަކުރެއެވެ. އަދި އިންތިޚާބަކާ ނުލައި 70 ގޮނޑި އެ ޕާޓީއަށް ވަނީ ލިބިފައެވެ.