ޕީޕީއެމުން ދަނީ ޑރ. ވަހީދު ލައްވާ އަނެއް ބަޣާވާތް ރާވަމުން: އަޙުމަދު ހަލީމް
އިދިކޮޅު ޕީޕީއެމުން ދަނީ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ޙަސަން މަނިކު ލައްވާ އަނެއް ބަޣާވާތް ރާވަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ވިދާޅުވެއްޖެއެވެ.
މެންބަރު ހަލީމް މިހެން ވިދާޅުވެފައިވަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު ގައުމުގެ މިސްރާބު މިހާރު މިގެންދަވާ ގޮތް ބަދަލު ނުކޮށްފިނަމަ މިދައުރުގެ ތެރޭގައި ނުރައްކާތެރި ކަންތައްތަކެއް ފެންމަތިވެދާނެ ކަމަށާއި އެހެންކަމުން އެކަން ރައީސްގެ ސަމާލު ކަމަށް ގެންނަ ކަމަށް މަހިބަދޫ ދާއިރާގެ މެމްބަރ އަހުމަދު ތާރިޤް ވިދާޅުވުމުންނެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ޤާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލްގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން ތާރިޤް ވިދާޅުވީ އެފަދަ ކަމެއް ދިމާވުމުން ދެން ވަކިކަމަކާއި މަތިކޮށް ވާހަކަ ދެއްކުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ.
"އެކަންތައް ދިމާވީމަ ނުވަތަ ހާދިސާއެއް ހިނގީމަ އެއީ ބަޣާވާތެކޭ ޕޮލިސް އިމިއުނިޓީއޭ މިވެނި މީހެކޭ ދެއްކުމުގެ ފުރުސަތެއް ނޯންނާނެ ދެން. އަޅުގަނޑު ދަންނަވަން އޮތީ 2023 ދިވެހި ރައްޔިތުންނާއި ދިވެހި ސިފައިން މިއަދުގެ ރައީސް އާ ބައްދަލުކުރާނެ ދުވަހެއް އަތުވެދާނޭ. މިސްރާބު ބަދަލު ކޮށްދެއްވާށޭ." ތާރިޤް ވިދާޅުވެފައިވެއެވެ.
ތާރިޤްގެ މިވާހަކަތަކާއި ގުޅިގެން ބިލަތްދޫ ދާއިރާގެ މެންބަރު ހަލީމް ވިދާޅުވީ މިހާރު މިއިވެނީ ބިރުވެރި ވާހަކަތަކެއް ކަމަށާއި ޕީޕީއެމުން ޑރ. ވަހީދު ލައްވާ އަނެއް ބަޣާވާތް ރާވަމުން ދަނީ ކަމަށެވެ.
"އަޅުގަނޑު ހައިރާން ވަނީ ޕީޕީއެމް ކަހަލަ ޑިމޮކްރެޓިކް ޕާޓީ އަކުން ބަޣާވާތެއް ރާވަމުންދާތީ. އެއީ ހަގީގަތުގައި ވެސް ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް. އަޅުގަނޑު މިހާރުން މިހާރަށް ގޮވާލަން ޑރ. ވަހީދު ޕާޓީން ވަކިކުރަން، ޕީޕީއެމް ހަލާކުވެގެން ދިއުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތެއް ނޫން" ހަލީމް ވިދާޅުވިއެވެ.