ޚަބަރު

ޕާކިސްތާނުގައި ސޯލާ ހަކަތައަށް ހުރަސްއަޅަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ ކަރަންޓު ސިނާއަތުން އާންމު ކޮންސިއުމަރުންނަށް ޖޫރިމަނާކޮށް، ގޭގޭގެ ފުރާޅުގައި ސޯލާ ޕެނަލް ޖެހުމަށް ހުރަސްއަޅަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ކަރަންޓު އިގުތިސާދު ކުރުމަށް އާންމުން ކުރާ މަސައްކަތުގެ ސަބަބުން، ކަރަންޓު ފޯރުކޮށްދޭ ކުންފުނިތަކަށް ލިބޭ އާމްދަނީ މަދުވާތީ، އެކަމަށް ހިތްވަރު ދިނުމުގެ ބަދަލުގައި އެ ގައުމުން ފެންނަނީ ކަސްޓަމަރުންނަށް އިތުރު ތަކުލީފުތައް ޖައްސާ މަންޒަރެވެ.

Ads by Allied

ކަރަންޓު ސިނާއަތުގެ ނުކުޅެދުންތެރިކަމާއި އިދާރީ ހިންގުމުގެ ދޯދިޔާކަމުގެ ބުރަ އުފުލަން ޖެހެނީ އާންމު ރައްޔިތުންނަށެވެ. ކަރަންޓު ފޯރުކޮށްދޭ ފަރާތްތަކާއި ބޭނުންކުރާ ފަރާތްތަކުގެ މަސްލަހަތު ހިމާޔަތްކުރަން ޖެހޭ ރެގިއުލޭޓަރީ އިދާރާތަކުން، ސަރުކާރުގެ ނިންމުންތަކަށް ތަބާވެ، އާންމުންގެ އުދާސްތަކަށް ބަލާނުލާ ކަމަށް ފާހަގަކުރެވެއެވެ.

މިގޮތުން ނެޓް މީޓަރިންގ ބޭނުންކުރާ ފަރާތްތަކުގެ އަތުން ކަރަންޓު ގަންނަ އަގު ވަނީ ވަރަށް ބޮޑަށް ދަށްކޮށްފައެވެ. މީގެ އިތުރުން، ގޭގޭގައި ކަރަންޓު ބޭނުންކުރާ މިންވަރަށް ނުބަލައި 'ފިކްސްޑް ޗާޖެއް' ނަގަން ވަނީ ނިންމާފައެވެ. މިއީ މޮނޮޕޯލީއެއްގެ ގޮތުގައި އޮތް ކަރަންޓު ސިނާއަތުގެ ކޮންޓްރޯލް ދެމެހެއްޓުމަށްޓަކައި ދައްކާ ބަހަނާއެއް ކަމަށް މާހިރުން ބުނެއެވެ.

ޕާކިސްތާނުގައި ފުރާޅުތަކުގައި ސޯލާ ޖަހާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި 20 އާއި 22 ގިގަވޮޓާ ދެމެދުގެ މިންވަރަކަށް ސޯލާ ހަކަތަ މިހާރު އުފައްދައެވެ. ނަމަވެސް، މި ކުރިއެރުމަކީ ކަރަންޓު ސިނާއަތް ކޮންޓްރޯލް ކުރާ ފަރާތްތަކަށް ލިބޭ ބިރަކަށް ވަނީ ވެފައެވެ. ސަބަބަކީ އާންމުން އަމިއްލައަށް ހަކަތަ އުފެއްދުމުން، ސަރުކާރުގެ ކަރަންޓު ވިއުގައަށް ބަރާބަރުވާ މިންވަރު މަދުވެ، އާމްދަނީއަށް އަސަރުކުރާތީއެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި ތިމާވެއްޓާ ރައްޓެހި ހަކަތައަށް ބަދަލުވަމުންދާއިރު، ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރަނީ އާންމުންނަށް ލިބޭ މި ފުރުސަތުތައް ހަނިކުރުމަށެވެ. މިއީ ޒަމާނުއްސުރެ އޮތް ނިޒާމުގެ ފައިދާ ލިބޭ ފަރާތްތަކުން، އެމީހުންގެ މަސްލަހަތު ހިމާޔަތްކުރުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!