ޚަބަރު

ފަރުވާގެ ނިޒާމު ހަރުދަނާކޮށް ޓީބީ ނައްތާލަން މަސައްކަތް ކުރާނަން: ރައީސް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް އޮފީހުގައި

ފަރުވާގެ ނިޒާމު ހަރުދަނާކޮށް ޓީބީ ނައްތާލަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

Ads by PNC

ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރާ ދުނިޔޭގެ ޓީބީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައި ރައީސް ވިދާޅުވީ ޓީބީ ބަލި ފެތުރުން ހުއްޓުވުމާއި ފަރުވާ ދިނުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވީ ނަމަވެސް، ދުނިޔޭގެ ފެންވަރުގައްޔާއި ސަރަހައްދީ އަދި ގައުމީ ފެންވަރުގައި ޓީބީއަކީ އަދިވެސް އާންމު ސިއްހަތަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށެވެ.

އަދި ޓީބީ ބަލި އަވަހަށް ދެނެގަތުމާއި، ތަހުލީލުކުރުމުގެ ނިޒާމު ހަރުދަނާކުރުމާއި، ނާޒުކު ހާލަތްތަކުގައި ތިބި މީހުންނަށް ފޯރުކޮށްދޭ އަޅާލުން އިތުރުކުރުމަށް ކުރެވޭ އައު މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި، އެ ބަލިން ސަލާމަތްވެފައިވާ މުސްތަގުބަލެއް ބިނާކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

ޓީބީ ބަލި މަދު ގައުމެއްގެ ގޮތުގައި ބަލައިގަނެފައި އޮތުމީ ރާއްޖެއަށް ލިބޭ ފަހުރެއް ކަމަށާ، އަދި އެ ބަލި ނައްތާލުމުގައި ދުނިޔޭގެ އިސް ސަފުގައި ރާއްޖެ ދެމިއޮންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ ބަލި ރާއްޖެއިން ނައްތާލުމަށް ކުރެވޭ މަސައްކަތްތައް ހަލުވިކުރުމަށް އަމާޒުކޮށްގެން ހިންގާ މުހިންމު އަސާސީ މަސައްކަތްތަކުގެ ފެށުން، މި އަހަރު ފާހަގަކުރެވޭކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ދުނިޔޭގެ ޓީބީ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ މާރިޗު މަހުގެ 24ވަނަ ދުވަހުއެވެ. މި އަހަރުގެ ޝިއާރަކީ "ޔެސް! ވީ ކޭން އެންޑް ޓީ.ބީ: ލެޑް ބައި ކަންޓްރީޒް, ޕަވަރޑް ބައި ޕީޕަލް މި ޝިއާރެވެ.