އުމަރު ނަސީރު ބޭނުންވެލައްވަނީ ލޯކަލް ކައުންސިލްއާއި މަޖިލިސް އިންތިހާބު އެއްކޮށް ބާއްވަން
ލޯކަލް ކައުންސިލްއާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށް ބާއްވަން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހިޔާލު ދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށް ބާއްވަން މަޖިލީހުން ފާސްކޮށް އެއާ ގުޅޭ ބިލުވެސް ތަސްދީގުކޮށްފައިވާ އިރު ދެން އޮތީ އެކަމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމެވެ. އެ ވޯޓު އަންނަ މަހު ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއެކު ނަގަން މިހާރު އޮތީ ތާވަލުވެސްކޮށްފައެވެ.
އެ ވޯޓަށް ވެރިކަންކުރާ ޕީއެންސީ ނޫން އެހެން ޕާޓީތަކުން ވެސް ތާއިދުކޮށްފައިވާ އިރު އުމަރު ނަސީރު ވެސް މިއަދު ވަނީ އެ ވޯޓާ ގުޅޭ ގޮތުން ހިޔާލުފާޅުކުރައްވައިފައެވެ.
އުމަރު އެކްސްގައި މިއަދު ވިދާޅުވީ ތިން އިންތިހާބު ވަކިވަކިން ބޭއްވުމުގެ ބަދަލުގައި ދެ އިންތިހާބެއް އެއްކޮށްލަން އޭނާވެސް ތާއިދުކުރައްވާ ކަމަށެވެ.
ނަމަވެސް އެއްކޮށްލަންވާނީ އެންމެ ކުޑަ ދެ އިންތިހާބު ކަމަށާއި އެއީ ލޯކަލް ކައުންސިލް އިންތިހާބާއި މަޖިލިސް އިންތިހާބު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މަޖިލިސް އަދި ރިޔާސީ އިންތިހާބަކީ އެންމެ ބޮޑު ދެ އިންތިހާބު ކަމަށްވާތީ އެ ދެ އިންތިހާބު އެއްކޮށްލަން ވޯޓު ނުދިނުމަށް ވެސް އޭނާ ގޮވާލެއްވިއެވެ.
"ރިޔާސީ އިންތިހާބަކީ މުޅި ގައުމުގެ ކުރިމަގު ކަނޑައެޅުމާ ގުޅޭ އެންމެ ބޮޑު އިންތިހާބެވެ. އަނެއް ދެ އިންތިހާބަކީ ވަކިވަކި ދާއިރާތަކާ ގުޅުން ހުރި އިންތިހާބުތަކެވެ. ހަރަދު ކުޑަކުރުމުގެ ބަހަނާގައި އެންމެ ބޮޑު ދެ އިންތިހާބު އެއް ކުރުމަށްފަހު، އެންމެ ކުޑަ އިންތިހާބު ބޮޑު ހަރަދުކޮށްގެން ވަކިން ބޭއްވުމަކީ ދެކޮޅު ޖެހޭ ވާހަކައެއް ނޫނެވެ."ކުރިން ރިޔާސީ އިންތިހާބުތަކުގައި ވެސް ވާދަކުރައްވާފައިވާ އުމަރު އިތުރަށް ވިދާޅުވިއެވެ.