ޚަބަރު

ޤަޠަރު އެއާވޭސްގެ ފްލައިޓުތައް އަންނަ އޭޕްރީލް މަހު އަލުން ރާއްޖެއަށް ފަށަނީ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ވަގުތީގޮތުން މެދުކަނޑާލާފައި އޮތުމަށްފަހު، ޤަޠަރު އެއާވޭސްގެ ފްލައިޓުތައް އަންނަ އޭޕްރީލް މަހު އަލުން ރާއްޖެއަށް ފަށުމަށް ނިންމައިފިއެވެ.

Ads by Allied

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ވައިގެ ސަރަހައްދު ބަންދުކުރުމުން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލައި އަލުން ފެށުމަށް ނިންމާފައި ވަނީ އަންނަ އޭޕްރީލް މަހުގެ 8ވަނަ ދުވަހު ކަމަށް އެ ކުންފުނިން ބުނެއެވެ.

ވިޒިޓް މޯލްޑިވްސްއިން މަޢުލޫމާތު ދެއްވާ ގޮތުގައި، ރާއްޖޭގެ ފަތުރުވެރިކަމަށް މުހިންމު ދައުރެއް އަދާކުރާ މި އެއާލައިނުން އަންނަ މަހު ދަތުރުތައް ފަށާއިރު، ހަފްތާއަކު ފަސް ފްލައިޓް ރާއްޖެއަށް އޮޕަރޭޓްކުރާނެއެވެ. މިކަމުގެ ސަބަބުން، ޔޫރަޕާއި، އެމެރިކާ އަދި މެދުއިރުމަތީގެ ޤައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި ދަތުރުވެރިންނަށް ލިބިފައިވާ ކަނެކްޓިވިޓީގެ ފުރުސަތުތައް އެތައް ގުނައަކަށް ފުޅާވެގެންދާނެކަމަށް ޤަޠަރު އެއާވޭސްއިން ދެކެއެވެ.

ފަސިންޖަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން، ޖޫން މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް ދަތުރުކުރުމަށް ކުރިން ޓިކެޓު ގަނެފައިވާ ފަރާތްތަކަށް އެއްވެސް ދަތިކަމަކާ ނުލައި ދަތުރުކުރާ ތާރީޚުތައް ބަދަލުކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. ދޯހާ މަގުން ޓްރާންސިޓްކޮށް ދަތުރުކުރާ ފަރާތްތަކަށް ކުރިން ދިމާވި ދަތިތަކަށް، މި އޮޕަރޭޝަންތައް ފެށުމާއެކު ބޮޑު ހައްލެއް ލިބިގެންދާނެއެވެ.

މީގެ އިތުރުން، ބައެއް ހާލަތްތަކުގައި ފްލައިޓްތަކުގެ ޝެޑިއުލްއަށް ކުއްލި ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމަކަށްވާތީ، ދަތުރުކުރުމުގެ ކުރިން ފުރާ ގަޑިއާއި ފްލައިޓްގެ އެންމެ ފަހުގެ މަޢުލޫމާތު ކަށަވަރުކޮށްގެން ތިބުމަށް ވިޒިޓް މޯލްޑިވްސްއިން ދަތުރުވެރިންނަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

Ads by Allied Insurance