ޚަބަރު

ދައުލަތުގެ އާމްދަނީ 10.2 އިންސައްތަ އިތުރުވެއްޖެ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފިނޭންސް މިނިސްޓްރީ/ ފޮޓޯ:ދެން އިމޭޖްސް

ދައުލަތުގެ އާމްދަނީ 10.2އިންސައްތަ އިތުރުވެއްޖެއެވެ.

Ads by Allied

ފިނޭންސް މިނިސްޓްރީން މިދިޔަ މަހުގެ 26އާ ހަމައަށް އެކުލަވާލާފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ބުނެފައިވާ ގޮތުން ދައުލަތަށް ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 10.6ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ލިބުނު 9.6ބިލިއަން ރުފިޔާއާ އަޅާބަލާއިރު 10.2އިންސައްތަ އިތުރު އަދަދެކެވެ.

ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި އިތުރަށް ބުނިގޮތުގައި ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ބެލެންސް މިހާރު ހުރީ 2.2 ބިލިއަން ރުފިޔާގެ ސާޕްލަސްއެއްގައެވެ.

އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކުހުގެ ގޮތުގައި ލިބުނު 8.6ބިލިއަން ރުފިޔާއެވެ. މިއީ ޖުމްލަ އާމްދަނީގެ 81އިންސައްތައެވެ. ފާއިތުވި ހަފުތާގެ ތެރޭގައި އާމްދަނީ އެންމެ ބޮޑަށް އިތުރުވެފައިވަނީ ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުގެ ޓެކްސް (ޓީޖީއެސްޓީ)އިން ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އާމްދަނީ އިތުރުވުމަށް މެދުވެރިވި މައިގަނޑު ސަބަބުތަކަށް ބަލާއިރު، ޓީޓީގެ ގޮތުޖީއެސްޓީގައި ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެމުއްދަތުގައި ލިބުނު 2.7ބިލިއަން ރުފިޔާ އަޅާބަލާއިރު 23.9އިންސައްތަ އިތުރުވެ، 3.3ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މިއީ މުދަލާއި ހިދުމަތުގެ ޓެކުހުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބުނު ދާއިރާއެވެ.

އޭގެ އިތުރުން، ނޮން-ރެސިޑެންޓް ވިތުހޯލްޑިންގް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު 59.0އިންސައްތަ އިތުރުވެ، 324.8މިލިއަން ރުފިޔާއިން 516.4މިލިއަން ރުފިޔާއަށް ވަނީ މަތިވެފައެވެ. ޓެކްސް ނޫން އާމްދަނީގެ ތެރެއިން ރިސޯޓުތަކުގެ ބިމު ކުލީގެ ގޮތުގައި ލިބުނު އާމްދަނީ 14.7އިންސައްތަ އިތުރުވެ، 332.5މިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.

ހަރަދުތަކަށް ބަލާއިރު، މިދިޔަ މަހުގެ 26ވަނަ ދުވަހާ ހަމައަށް ޖުމްލަ 8.4ބިލިއަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ. އެ މުއްދަތުގައި އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް އަދި ޕެންޝަނަށެވެ. އެއީ 3.2ބިލިއަން ރުފިޔާއެވެ. ރިކަރަންޓް ހަރަދުތަކުގެ ތެރެއިން ސަބްސިޑީއަށް ކުރި ހޭދަ މިދިޔަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު 8.8އިންސައްތަ އިތުރުވެ 891.2މިލިއަން ރުފިޔާއަށް އަރާފައިވާއިރު، އެހީ އާއި ސަބްސިޑީގެ ގޮތުގައި ޖުމްލަ 2.6ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

Ads by Allied Insurance