މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ފޯކައިދޫން މީހަކު ހައްޔަރުކޮށްފި
ށ. ފޯކައިދޫން މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ޝައްކުކުރެވޭ 32 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މަސްތުވާތަކެތި ކޮންޓްރޯލްކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ ޚާއްޞަ އޮޕަރޭޝަންތަކުގެ ތެރެއިން، މި ހިނގާ އެޕްރީލް މަހުގެ ފުރަތަމަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އެރަށު މިއުނިކް، ޢަބްދުﷲ ސާލިމް (32އ) ކަމަށެވެ.
ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އޭނާ އަތުލައިގަނެފައި ވަނީ ރަށު ތެރެއިން އޭނާ ހުއްޓުވައި ހަށިގަނޑު ބަލައިފާސްކުރުމުގެ ތެރޭގައެވެ. އަދި މި ފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ ރަބަރު ޕެކެޓެއް ފުލުހުންނަށް ވަނީ ފެނިފައެވެ. ސާލިމްގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކުގެ ތެރޭގައި ޤާނޫނާ ޚިލާފަށް މަސްތުވާތަކެތި ގެންގުޅުމާއި، ބޭނުންކުރުމުގެ އިތުރުން އޭގެ ވިޔަފާރިކުރުން ހިމެނެއެވެ.
މި ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވުނު މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މައްސަލައިގެ ތަޙުޤީޤު ފުރިހަމަކުރުމަށްޓަކައި އޭނާ 15 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ދަނީ މި މައްސަލައިގެ އިތުރު ތަޙުޤީޤުތައް ހަލުވިކަމާއެކު ކުރިއަށް ގެންދަމުންނެވެ.