ޚަބަރު

ދިއްދޫގައި ތަރައްޤީކުރާ ދަނާލުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

އަތޮޅުތެރޭގައި މަތީ ތަޢުލީމުގެ ފުރުޞަތުތައް ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން، ހއ. ދިއްދޫގައި ތަޢުލީމު ހާސިލުކުރާ ކުދިންނަށް ޚާއްސަކޮށްގެން ބިނާކުރާ ދަނާލު އިމާރާތްކުރުމުގެ އެއްބަސްވުމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެކު ސަރުކާރުން މިއަދު ސޮއިކުރައްވައިފިއެވެ.

Ads by PNC

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާ ބެހޭ ވުޒާރާގައި ކުރިއަށްދިޔަ ޚާއްސަ ރަސްމިއްޔާތެއްގައި، މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރެއްވުމުގެ ލިޔެކިޔުންތަކުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ޕާމަނަންޓް ސެކްރެޓަރީ އާއިޝަތު ޙިކްމާއެވެ. ކޮންޓްރެކްޓަރުގެ ހައިސިއްޔަތުން އެމްޓީސީސީ ތަމްސީލުކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދް ޝަރީފް އަބްދުއްރަޙްމާން ޔޫސުފެވެ.

މި ރަސްމިއްޔާތުގައި ދިއްދޫ ދާއިރާ ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޢަބްދުލްލަޠީފް މުޙައްމަދު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި މަޝްރޫޢުގެ ދަށުން ބިނާކުރާ 32 ކޮޓަރީގެ މި ދަނާލަކީ ދަރިވަރުންނަށް ބޭނުންވާނެ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއި ޚިދުމަތްތަކުން މުއްސަނދިކުރެވިފައިވާ ފުރިހަމަ އިމާރާތަކަށް ވެގެންދާނެއެވެ.

މި އެކޮމޮޑޭޝަން އިމާރާތް ވެގެންދާނީ ދިއްދޫގައި މިހާރު އިމާރާތްކުރަމުން އަންނަ ޖޫނިއަރ ކޮލެޖުގައި ކިޔަވާ ކުދިންނަށް ނުހަނު ބޮޑު ލުއިފަސޭހައެއް ގެނެސްދޭނެ ތަނަކަށެވެ. އެ ކޮލެޖަކީ އިންޖިނިއަރިންގ، ވެލްޑިންގ، އޮޓޮމޯޓިވް އަދި ހޮސްޕިޓަލިޓީ ފަދަ ފަންނީ ދާއިރާތަކުން ޒުވާނުންނަށް ވޮކޭޝަނަލް ތަމްރީނުތައް ދިނުމަށް އަމާޒުކޮށްގެން ހަދާ މަރުކަޒެކެވެ. މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ދެކެވަޑައިގަންނަވާ ގޮތުގައި، އަލަށް އެޅޭ ދަނާލާއެކު އެ ކޮލެޖަށް ކިޔަވަން އަންނަ ދަރިވަރުންނަށް ބޭނުންވާނެ ހުރިހާ އިންތިޒާމުތަކެއް ފުރިހަމަވެގެންދާނެއެވެ.

Ads by Allied Insurance