ވަކި ފިކުރަކަށް ނުބަލައި ކައުންސިލްތަކާ އެކު ސަރުކާރުން މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ދެއްވައިފި
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިލެކްޝަން ކާމިޔާބުކުރެއްވި މެންބަރުންނާ އެކު، ވަކި ސިޔާސީ ފިކުރަކަށް ބެލުމެއް ނެތި ސަރުކާރުން ގުޅިގެން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ދެއްވައިފިއެވެ.
އިދިކޮޅު އެމްޑީޕީއަށް މި އިންތިޚާބުގައި ގިނަ ގޮނޑިތަކެއް ލިބިފައިވާކަން ފާހަގަކުރެވިފައި ވަނިކޮށް، "އެކްސް" ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، އެ ވުޒާރާއިން ހުރިހާ ކައުންސިލްތަކަކާ އެކުވެސް މުއާމަލާތްކުރާނީ އެއްވެސް ތަފާތުކުރުމެއް ނެތި ހަމަހަމަކަމާ އެކުގައި ކަމަށެވެ.
އިންތިޚާބުން ކާމިޔާބީ ހޯއްދެވި ހުރިހާ ކެންޑިޑޭޓުންނަށް ތަހުނިޔާ އަރިސްކުރައްވަމުން، ވަޒީރު އާދަމް ޝަރީފް ވަނީ އައު މެންބަރުންގެ ފަރާތުން ރައްޔިތުންނާ ގާތުން ޚިދުމަތްދީ، މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރުމަށް ބާރުއަޅުއްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން، އަލަށް މަޤާމާ ހަވާލުވެވަޑައިގަންނަވާ ކައުންސިލަރުންގެ ސަބަބުން ދިވެހިރާއްޖޭގައި އޮތް ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާވެ، އެ ނިޒާމަށް އާ ރޫޙެއް އަންނާނެކަމަށް ވެސް އެ މަނިކުފާނު ވަނީ ބަޔާންކުރައްވާފައެވެ.