ފޭސްބުކް މާކެޓްޕްލޭސްގައި ހިންގާ އައު "ރިޕެއާ ސްކޭމް" އާ މެދު ސަމާލުވުމަށް އިލްތިމާސްކޮށްފި
ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް މުދާ ވިއްކާ ފަރާތްތަކަށް ގުޅައި، އެ ތަކެތި މަރާމާތުކުރި ކަމަށް ބުނެ ފައިސާ ފޭރޭ އައު ވައްތަރެއްގެ "ރިޕެއާ ސްކޭމް" އެއް ފެންމަތިވެފައިވާތީ، އެކަމަށް އާންމުން ހޭލުންތެރިވެ ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން ހާމަކުރި ގޮތުގައި، މަކަރާއި ހީލަތުން ފައިސާ ހޯދާ މި ނެޓްވޯކްތަކުން މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ މާކެޓްޕްލޭސްގައި ވިއްކާލާފައިވާ ކަމަށް ފާހަގަކޮށްފައި ހުންނަ މުދަލަށެވެ. އެއަށްފަހު، އެ އެއްޗެއް ވިއްކި މީހާއާ މުއާސަލާތުކޮށް، އެއީ އެމީހުން މަރާމާތުކޮށްދިން އެއްޗެއްކަމަށް ބުނެ އޮޅުވާލައެވެ. އަދި އިތުބާރު ހޯދުމުގެ ގޮތުން ސައްހަ ނޫން އިންވޮއިސް ނުވަތަ ރަސީދު ފަދަ ލިޔެކިޔުންތައް ވެސް ފޮނުވައި، މަރާމާތުގެ އުޖޫރަ ދެއްކުމަށް ޑިމާންޑުކުރެއެވެ.
މިފަދަ އޮޅުވާލުންތަކުގެ ޝިކާރައަކަށް ނުވުމަށްޓަކައި، ނުދަންނަ ފަރާތްތަކަށް އެއްވެސް ހާލަތެއްގައި ފައިސާ ޓްރާންސްފަރ ނުކުރުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ފައިސާ ފޮނުވުމުގެ ކުރިން، މުދާ ހަވާލުކުރީ ކާކުތޯއާއި، އެއީ ކޮން ބައެއްކަން ޔަގީންކުރުމަށް އިރުޝާދު ދީފައިވެއެވެ.
އޭގެ އިތުރުން، ފައިސާ ޖަމާކުރަން އަންގާ އެކައުންޓަކީ މީގެ ކުރިން ސްކޭމްގެ މައްސަލައެއްގައި ރިޕޯޓުކުރެވިފައިވާ އެކައުންޓެއްތޯ ބެލުމަކީ ވެސް ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ މުހިންމު ފިޔަވަޅެއްކަން އެންޓި ސްކޭމް ސެންޓަރުން ފާހަގަކުރެއެވެ.