ޚަބަރު

ވީއައިއޭ މެދުވެރިކޮށް ދެ ކިލޯގެ މަސްތުވާތަކެތި އެތެރެކުރި އިންޑިއާގެ ދެމީހަކު ހައްޔަރުކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) މެދުވެރިކޮށް ދިވެހިރާއްޖެއަށް ދެ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު އިންޑިއާގެ ދެ ރައްޔިތަކު، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަތުމަށް ފަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

Ads by Allied

ފުލުހުންގެ ޚިދުމަތުން ބުނީ، މި އެޕްރީލް މަހުގެ ފުރަތަމަ ދުވަހު ކަސްޓަމްސްގެ އޮފިސަރުން ހިންގި އޮޕަރޭޝަނެއްގައި ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފައި ވަނީ، އުމުރުން 34 އަހަރުގެ ޖެނިފަރ ޕައުލް އާއި 23 އަހަރުގެ އުލްފަތު ރަސޫލެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މި ދެ މީހުން ހިފެހެއްޓުމަށްފަހު، މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކޮށްފައެވެ.

މި މައްސަލައިގެ ތަހުގީގު ފުލުހުން ފަށާފައިވާއިރު، އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް ކޯޓަށް ހާޒިރުކުރުމުން، ތަހުގީގު މަރުހަލާ ކުރިއަށް ގެންދިއުމަށްޓަކައި 15 ދުވަހުގެ މުއްދަތަކަށް ކަސްޓަޑީގައި ބޭތިއްބުމަށް ފަނޑިޔާރު ވަނީ އަމުރުކުރައްވާފައެވެ.

ގައުމުގެ ބޯޑަރު ހުރަސްކޮށް އެތެރެކުރާ ގާނޫނާ ހިލާފު ތަކެތި ހުއްޓުވުމަށް ފުލުހުންނާއި ކަސްޓަމްސް ފަދަ ކަމާބެހޭ އެންމެހާ އިދާރާތައް ގުޅިގެން އަންނަނީ ބޯޑަރު ސެކިއުރިޓީ އިތުރަށް ހަރުދަނާކޮށް، ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

Ads by Allied Insurance