ވޭމަންޑޫގެ ބިން ހިއްކުމުގެ ބޮޑު މަޝްރޫޢު އެއްކޮށް ނިންމާލައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅަކާ އެއްގޮތްވާ ގޮތުގެ މަތިން، ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯދައިދިނުމުގެ ބޭނުމުގައި ކޮލުމަޑުލު ވޭމަންޑޫއަށް އިތުރުކުރާ 27 ހެކްޓަރުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ދިޔަ މާރިޗު މަހުގެ 12ވަނަ ދުވަހު ފެށި މި ބިޔަ މަޝްރޫޢުގެ ދަށުން، ބިމަށް ވެލިއެޅުމުގެ މަސައްކަތް މި މަހުގެ 4ވަނަ ދުވަހާ ހަމައަށް ވަނީ އެއްކޮށް ނިންމާލެވިފައި ކަމަށެވެ. އަދި މި މަޝްރޫޢަށް ޖުމްލަ 882،693 ކިއުބިކް މީޓަރުގެ ވެލި ވަނީ ބޭނުންކޮށްފައެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ޙަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގައި ދެން އެންމެ އަވަހަށް ފަށާނީ އަލަށް ހިއްކި ސަރަޙައްދު ޙިމާޔަތްކުރުމަށްޓަކައި ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތެވެ. 1300 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ މި ރަށުގެ ބިން ހިއްކުމުގެ އެއްބަސްވުމުގައި ސަރުކާރުން ސޮއިކުރީ ނިމިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު ރައީސް އެ ރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި އައު ބިމާ އެކު، ވޭމަންޑޫގެ ރައްޔިތުންނަށް ދިމާވެފައިވާ ގޯތިގެދޮރުގެ ދަތިކަމަށް ދާއިމީ ޙައްލެއް ލިބުމުގެ އިތުރުން، ވިޔަފާރިއާއި އިޤްތިޞާދީ އައު ފުރުޞަތުތަކަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުންވެސް، އެ ރަށުގެ ތަރައްޤީއަށް ގިނަ ކަންތައްތަކެއް ކޮށްދެއްވުމަށް ރައީސް ވަނީ އިޢުލާނުކުރައްވާފައެވެ.
އޭގެ ތެރޭގައި، 50 އެނދުގެ ޒަމާނީ ހޮސްޕިޓަލެއް ބިނާކުރުމާއި، ކިނބިދޫއާއި ވޭމަންޑޫ ކޯޒްވޭއަކުން ގުޅައިލުމާއި އެ ދެމެދުގައި އޮންނަ ފަޅުރަށް "އެލާ" ފަތުރުވެރިކަމަށް ތަރައްޤީކުރުމާއި، 500 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ބޮޑު މިސްކިތެއް އިމާރާތްކުރުމުގެ އިތުރުން، ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމާއި، 1200 މީހުންނަށް ވަދެވޭ ފެންވަރުގެ ކުޅިވަރު މަރުކަޒެއް އެޅުން ހިމެނެއެވެ.