ޚަބަރު

ގައުމީ ސަލާމަތް ރައްކާތެރިކުރަން އެކުގައި މަސައްކަތްކުރަން ފުލުހުންނާއި ކަސްޓަމްސްއިން މަޝްވަރާކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ގައުމީ ސަލާމަތް ރައްކާތެރިކުރަން އެކުގައި މަސައްކަތްކުރަން ފުލުހުންނާއި ކަސްޓަމްސްއިން މަޝްވަރާކޮށްފިއެވެ.

Ads by Allied

އެ މަޝްވަރާތައް ކުރީ ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް ފާތިމަތު ދިޔާނާ، ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައެވެ.

އެ މަޝްވަރާގެ ބައްދަލުވުމުގައި ވަނީ ދެ މުއައްސަސާގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިކުރުމާއި، ވަކިން ހާއްސަކޮށް ގައުމީ ސަލާމަތް ރައްކާތެރިކުރުމުގައި އެކުގައި މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އަދި އޭގެ އިތުރުން، ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމާއި، މައުލޫމާތު ބަދަލުކުރުމުގެ ނިޒާމު ހަރުދަނާކުރުމާއި، ދާއިރާއާ ގުޅުންހުރި ތައުލީމީ އަދި ތަމްރީނު ފުރުސަތުތައް ފަހިކުރުމާ ބެހޭގޮތުން ދެ ބޭފުޅުން ވާހަކަދެއްކެވިއެވެ.

އަލަށް ކުރިމަތިވަމުންދާ ސަލާމަތީ ނުރައްކާތަކުން ރައްކާތެރިވުމަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި އިހުތިރާމުގެ ޒިޔާރަތަކީ އަލަށް އައްޔަންކުރެވުނު ކޮމިޝަނަރ އޮފް ޕޮލިސްއާ ބައްދަލުކުރައްވައި ތައާރަފުވުމުގެ ގޮތުން ކުރެއްވި ޒިޔާރަތެކެވެ. މި ބައްދަލުވުމުގައި، ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެ ފަރާތުން މަޝްވަރާކުރިއެވެ.

Ads by Allied Insurance