ޚަބަރު

ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ސޯބެ ވާދަކުރަން ރައީސް ސޯލިހު ތާއިދުކުރައްވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އައްޑޫގެ ކުރީގެ މޭޔަރު ސޯބެ--

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ)ވާދަކުރަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތާއިދުކުރައްވައިފިއެވެ.

Ads by Allied

ސާބިތު ދަރަންޏެއް ނުދައްކާ އޮތުމުން، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރީ އިއްޔެއެވެ.

ސިނާންގެ ގޮނޑި ގެއްލުމުން އެ މަގާމަށް ދެން މީހަކު ކަނޑައެޅޭނީ އިންތިހާބަކުން ކަމަށްވާ އިރު އެކި ފަރާތްތަކުން ދަނީ ގޮނޑިއަށް ޝައުގުވެރިކަން ފާޅުކުރަމުންނެވެ. އެގޮތުން އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން ސޯބެވެސް ވަނީ ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ.

އެކަމަށް އިޝާރާތްކޮށް ރައީސް ސޯލިހު މިއަދު އެކްސްގައި ވިދާޅުވީ ސޯބެއަކީ ޑިމޮކްރަސީ އާއި އިސްލާހީ މަސައްކަތުގައި އެމްޑީޕީގެ އިސް ސަފުގައި ޒަމާނުއްސުރެ މަސައްކަތް ކުރައްވަމުން އަންނަ ބޭފުޅެއް ކަމަށެވެ.

"ހިތަދޫއަށް ގިނަ ހިދުމަތްތަކެެއް ކޮށްދެއްވި އައްޑޫގެ އަގުހުރި ދަރިއެއް. މި އިންތިހާބުގައި ސޯބެ އަށް އަޅުގަނޑުގެ ފުރިހަމަ ތާއީދު އެބައޮތް"ރައީސް ސޯލިހު ވިދާޅުވިއެވެ.

ސޯބެ އައްޑޫގެ މޭޔަރުގެ މަގާމު އެންމެ ފަހުން ހުންނެވީ 2020ވަނަ އަހަރުއެވެ.

ނަމަވެސް އޭގެ ފަހުން މޭޔަރުގެ މަގާމަށް އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓެއް ހޮވަން ބޭއްވި ޕްރައިމަރީގައި ސޯބެއަށް ނާކާމިޔާބު މޭޔަރުގެ މަގާމަށް އިތުރު ދައުރަކަށް ވަޑައެއް ނުގަނެވުނެވެ.

Ads by Allied Insurance