ޚަބަރު

ފަތުރުވެރިން ސަލާމަތްކުރަން އުޅެނިކޮށް މަރުވި ކަޝްމީރުގެ ޒުވާނާގެ އާއިލާއަށް އާ ގެއެއް ލިބިއްޖެ

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

މިދިޔަ އަހަރު ކަޝްމީރުގެ ޕަހަލްގާމުގައި ދިން ހަމަލާއެއްގައި ފަތުރުވެރިން ސަލާމަތްކުރަން އުޅުމުގެ ތެރޭގައި މަރުވި، އަސް ދުއްވާ މީހެއް ކަމަށްވާ ސައްޔިދު ޢާދިލް ޝާހުގެ އާއިލާ، ދެކުނު ކަޝްމީރުގެ އަނަންތުނާގް ޑިސްޓްރިކްޓްގެ އެކަހެރި އަވަށެއް ކަމަށްވާ ހަޕްތަނާރުގައި އަލަށް އިމާރާތްކުރި ގެއަކަށް ބަދަލުވާން ތައްޔާރުވެއްޖެއެވެ.

Ads by Allied

މި ގެއަކީ މަހާރާޝްތުރާގެ ޑެޕިއުޓީ ޗީފް މިނިސްޓަރު އެކްނާތު ޝިންޑޭގެ މާލީ އެހީތެރިކަމާއެކު ބިނާކޮށްފައިވާ ގެއެކެވެ. އާއިލާއިން ބުނާ ގޮތުގައި އެމީހުން އާ ގެއަށް ބަދަލުވާނީ، އޭޕްރީލް 22 ގައި ހިނގި އެ ހާދިސާއަށް އަހަރު ފުރުމާ ދިމާކޮށް ޝިންޑޭ އެ ރަށަށް ކުރައްވާނެ ކަމަށް ބެލެވޭ ޒިޔާރަތަށް ފަހުގައެވެ.

"އެކްނާތު ޝިންޑޭ ދެއްވި އެހީތެރިކަމަށްޓަކައި އަޅުގަނޑުމެން ވަރަށް ބޮޑަށް ޝުކުރުވެރިވަން. އޭނާ ވަނީ އަޅުގަނޑުމެންނަށް އާ ގެއެއް ލިބޭނެކަން ކަށަވަރުކޮށްދެއްވާފައި،" ޢާދިލްގެ ބޭބެ ނައުޝާދު ޝާހު ބުންޏެވެ. "ޝިންޑޭ އަޅުގަނޑުމެންގެ ގާތަށް ޒިޔާރަތް ކުރައްވާނެ ކަމަށް ބެލެވޭ. އޭގެ ފަހުން އަޅުގަނޑުމެން އާ ގެއަށް ބަދަލުވާނަން."

އުމުރުން 28 އަހަރުގެ ޢާދިލަކީ ބައިސްރަން މައިދާނުގައި ދިން އެ ހަމަލާގައި މަރުވި މީހުންގެ ތެރެއިން އެކެކެވެ. އެ ހަމަލާގައި މަދުވެގެން 22 ފަތުރުވެރިން މަރުވެ، ގިނަ ބަޔަކު ޒަޚަމްވިއެވެ. އާއިލާއިން ބުނި ގޮތުގައި ޢާދިލް މަރުވީ ޒަޚަމްވި ފަތުރުވެރިންނަށް އެހީތެރިވުމަށް އެ ސަރަހައްދަށް ދުވެފައި ދަނިކޮށް ބަޑިޖެހުމުގެ ސަބަބުންނެވެ.

"އެތާނގައި އެތައް ސަތޭކަ ބަޔަކު ތިބި. އޭނާއަށް ވެސް ފިލައިގެން ސަލާމަތްވެވުނީސް، އެކަމަކު އޭނާ އިޚްތިޔާރު ކުރީ ޒަޚަމްވި މީހުންނަށް އެހީތެރިވާން،" ޢާދިލްގެ ބައްޕަ ހައިދަރު ޝާހު ބުންޏެވެ.

އެ ދުވަހުގެ ހަނދާންތައް އާކުރަމުން ހައިދަރު ބުނީ، ޕަހަލްގާމްގައި ޑްރައިވަރެއްގެ ގޮތުގައި މަސައްކަތްކުރާ އޭނާގެ އަނެއް ދަރިފުޅު ނައުޝާދު ހުސައިން، ހަވީރު 4 ޖަހާކަންހާއިރު ގުޅާފައި ޢާދިލް މަސައްކަތަށް ދިޔަތޯ އެހި ކަމަށެވެ. ޢާދިލް ގެއަށް ނައިސް، ފޯނަށް ޖަވާބު ނުދިނުމުން އާއިލާ ކަންބޮޑުވާން ފެށިއެވެ. "ފަހުން އޭނާގެ އާއިލާގެ ކުއްޖަކު ބުނީ އޭނާއަށް އަނިޔާވެފައިވާ ކަމަށް. ރޭގަނޑު 9:45 އެހާކަންހާއިރު އޭނާ މަރުވިކަން އެނގުނު،" އޭނާ ބުންޏެވެ.

ޢާދިލަކީ ޕަހަލްގާމްގައި އަސް ދުއްވައިގެން ދުވާލަކު ގާތްގަނޑަކަށް 300 ރުޕީސް ހޯދަމުން ދިޔަ މީހެކެވެ. އޭނާ ދިރިއުޅެމުން ދިޔައީ އޭނާގެ މައިންބަފައިންނާއި ކައިވެނިކޮށްގެން އުޅޭ ދެ ބޭބެއިންނާއެކުގައެވެ. މި ހާދިސާ ހިނގުމުގެ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ކުރިން އޭނާ ވަނީ އެ އަވަށުގެ ގުލްނާޒް އަޚްތަރާ ކައިވެނިކޮށްފައެވެ. އެމީހުންނަށް ލިބުނު އަންހެން ދަރިފުޅު ވަނީ ބަލިވެގެން މަރުވެފައެވެ.

"އަޅުގަނޑުގެ ދަރިފުޅު ދުވާލަކު ހޯދަނީ 300 އާއި 500 އާ ދެމެދުގެ ކުޑަ އާމްދަނީއެއް، އެކަމަކު އަޅުގަނޑުމެން އެކަމާ އުފާކުރިން. އޭނާ އަމިއްލަ ފުރާނަ ގުރުބާން ކުރީ އިންސާނިއްޔަތަށްޓަކައި. ފަތުރުވެރިން ޕަހަލްގާމަށް އަންނަނީ އަޅުގަނޑުމެންނަށް އިތުބާރުކޮށްފައި، އޭނާ މަސައްކަތް ކުރީ އެމީހުން ސަލާމަތް ކުރަން،" ހައިދަރު ބުންޏެވެ.

މި ހަމަލާއަށްފަހު ސަރުކާރާއި އެކި ޖަމިއްޔާތަކުން އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނެވެ. ލެފްޓިނެންޓް ގަވަރުނަރު މަނޯޖް ސިންހާ ވަނީ ޢާދިލްގެ ހުވަފަތް އަންހެނުން ގުލްނާޒަށް ފިޝަރީޒް ޑިޕާޓްމަންޓުން ވަޒީފާއެއް ދެއްވާފައެވެ. އަދި ވަޤްފް ބޯޑުގެ ރައީސް ދަރަކްޝާން އަންދްރާބީ ވަނީ ޢާދިލްގެ ކޮއްކޮ ނަޒާކަތަށް އައިޝްމުޤާމްގެ ދަރުގާގައި ވަޒީފާ ދެއްވާފައެވެ. މީގެ އިތުރުން ވެސް އެހެން ޖަމިއްޔާތަކުން ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ކުރިން މީހުންގެ ކާރު ދުއްވި ނައުޝާދު މިހާރު ވަނީ އަމިއްލަ ކެބެއް ގަނެ، އާއިލާއަށް އެހީތެރިވުމަށް ޕަހަލްގާމްގައި މަސައްކަތް ކުރަން ފަށާފައެވެ. ޝިންޑޭ ވަނީ މީގެ ކުރިން އާއިލާއަށް 5 ލައްކަ ރުޕީސްގެ މާލީ އެހީ ފޮނުއްވައި، ވީޑިއޯ ކޯލް މެދުވެރިކޮށް ވާހަކަ ދައްކަވައި ޢާދިލްގެ ހިތްވަރުގަދަކަމަށް ތައުރީފު ކުރައްވާފައެވެ.

"އަޅުގަނޑުމެންގެ އަތުގައި މިހާރު ފައިސާގެ ދަތިކަމެއް ނެތް، އެކަމަކު އޭނާ މިއަދު އަޅުގަނޑުމެންނާއެކު ނެތް ކަމުގެ ހިތާމަ އަބަދުވެސް ކުރެވޭ. ހަމައެއާއެކު އޭނާގެ ހިތްވަރުގަދަކަމަށްޓަކައި އަޅުގަނޑު ފަޚުރުވެރިވަން،" ހައިދަރު ބުންޏެވެ.

އާއިލާއިން ބުނާ ގޮތުގައި ގައުމުގެ އެކި ކަންކޮޅުތަކުން މީހުން އަދިވެސް އެމީހުންގެ ގާތަށް ޒިޔާރަތްކޮށް، ޢާދިލްގެ ހިތްވަރުގަދަކަން ހަނދާން އާކުރެއެވެ.

Ads by Allied Insurance