އެމްޑީޕީ ކުރިއަށްދާނީ ރައީސް ނަޝީދުގެ މާލިމީ ކަމުގެ ދަށުގައި އެކަނި: ފައްޔާޒު
ދިވެހިރާއްޖޭގެ މިހާރުގެ ހާލަތު ބަދަލުކޮށް ގައުމު ހަމަމަގަށް އެޅުވުމަށްޓަކައި، އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭކަމަށާއި، އެކަން ކުރެވޭނީ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގެނެސްގެންކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ރޭ ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގައި "ބޮޑު ބަދަލު"ގެ ނަމުގައި ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒް ފާހަގަކުރެއްވި ގޮތުގައި، ދިވެހިރައްޔިތުން މިހާރު ތިބި އުނދަގޫ ހާލަތުން ސަލާމަތްކޮށް، ގާނޫނުއަސާސީއާއި ވެރިކަމުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ ގާބިލުކަން ހުރީ ހަމައެކަނި އެމްޑީޕީއަށެވެ. އަދި މި ސަރުކާރު ބަދަލުކޮށް ރައްޔިތުންނަށް އައު އުންމީދެއް ހޯދައިދިނުމަށްޓަކައި ޕާޓީގެ އެތެރޭގެ ނިޒާމު އިސްލާހުކުރަން ޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
އެފަދަ ހައްސާސީ އަދި ބޮޑެތި ބަދަލުތަކެއް ޕާޓީގެ ތެރެއިން ގެނައުމަށް ވަރުގަދަ ލީޑަރެއް ބޭނުންވާކަން ފާހަގަކުރައްވަމުން، ފައްޔާޒް ވިދާޅުވީ އެ މަސައްކަތް ކާމިޔާބުކަމާ އެކު ކުރެއްވޭނެ ހަމައެކަނި ޝަޚުސިއްޔަތަކީ ރައީސް ނަޝީދު ކަމަށެވެ. ގައުމުގެ ހާލަތު ރަނގަޅުކުރުމަށް ގިނަ ރައްޔިތުން މިއަދު ވެސް އެންމެ ބޮޑަށް އިތުބާރުކުރައް ވަނީ ނަޝީދަށް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. މުސްތަގުބަލުގެ ޖީލުތައް މަގުމަތީގައި މުޒާހަރާކުރަން ނުޖެހޭނެ ފަދަ އަމާން މާހައުލެއް ގާއިމުކުރުމަކީ ނަޝީދު ޗެއާޕާސަންކަމަށް ގެންނަން މަސައްކަތްކުރާ މައިގަނޑު ސަބަބުކަމުގައި އޭނާ ސިފަކުރެއްވިއެވެ.