ފުލުހުން އަތުލައިގަނެފައިވާ މަސްތުވާތަކެތި ނައްތައިލާ މަންޒަރު ބެލުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފި
ތަފާތު އެކި މައްސަލަތަކާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތައިލުމުގެ ހަރަކާތް، 2024 އޭޕްރީލް 27ވަނަ ދުވަހު ދޫނިދޫގައި ކުރިއަށްގެންދަން ނިންމައި، އެ މަންޒަރު ގާތުން ބެލުމުގެ ފުރުސަތު އާންމު ރައްޔިތުންނަށް މިއަދު ހުޅުވާލައިފިއެވެ.
މި ހަރަކާތުގައި އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެހީންނަށް އެކަންޏެވެ. ފުލުހުން މައުލޫމާތު ދެއްވާ ގޮތުގައި، މި ކަމަށް އެދި އީމެއިލް މެދުވެރިކޮށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ފުރުސަތު ދިނުމަށް ކަނޑައަޅާފައި ވަނީ އެންމެ ފުރަތަމަ އެދޭ 10 ފަރާތަކަށެވެ.
އޮބްޒާވަރަކަށް ވުމަށް ޝައުގުވެރިވާ ފަރާތްތަކުން، ކަނޑައެޅިފައިވާ އީމެއިލް އެޑްރެހަށް، 2024 އޭޕްރީލް 26ވަނަ ދުވަހުގެ ރޭގަނޑު 23:59 ގެ ކުރިން މައުލޫމާތު ފޮނުވައި ރަޖިސްޓަރީ ކުރަންޖެހޭނެއެވެ. މަސްތުވާތަކެތި ނައްތައިލުމުގެ މި ހަރަކާތް ދޫނިދޫގައި ފެށުމަށް ތާވަލުކޮށްފައި ވަނީ އޭޕްރީލް 27 ވާ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ.