ޓީޖީއެސްޓީ އާމްދަނީ އިތުރުވެ، ދައުލަތުގެ ބަޖެޓު ސާޕްލަސް ދަމަހައްޓައިފި
ޓޫރިޒަމްގެ ދާއިރާގެ ހިދުމަތްތަކުން ނަގާ ޓެކްސް، ޓީޖީއެސްޓީ އިތުރުވެ، ދައުލަތުގެ ބަޖެޓު ސާޕްލަސް ދަމަހައްޓައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި މި އަހަރުގެ 15 ވަނަ ހަފްތާގެ މާލީ ރިޕޯޓަށް ބަލާއިރު، 16 އޭޕްރީލް 2026 ވަނަ ދުވަހާ ހަމައަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 13.6 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 12.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 11.6 އިންސައްތައިގެ ކުރިއެރުމެކެވެ. ހަމައެއާއެކު، ދައުލަތުގެ ޖުމްލަ ރަހަދު ވަނީ 12 ބިލިއަން ރުފިޔާ އަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގެ 10.3 ބިލިއަން ރުފިޔާއަށްވުރެ 16.9 އިންސައްތަ އިތުރު އަދަދެކެވެ.
މާލީ ހިސާބުތަކުން ދައްކާގޮތުގައި، ދައުލަތުގެ ބަޖެޓު މިވަގުތު އޮތީ 1.6 ބިލިއަން ރުފިޔާގެ ސާޕްލަސްއެއްގައެވެ. އާމްދަނީއަށް ބަލާއިރު، ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 10.9 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 9.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 19.7 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ ތެރެއިން މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) ގެ ގޮތުގައި 5.9 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
ފާއިތުވި ހަފުތާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ޖީ.އެސް.ޓީ (ޓީޖީއެސްޓީ) އިންނެވެ. އެގޮތުން 16 އޭޕްރީލް 2026 ގެ ނިޔަލަށް ޓީޖީއެސްޓީގެ ގޮތުގައި 4.3 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 17.5 އިންސައްތަ އިތުރު އަދަދެކެވެ. ފަތުރުވެރިކަމާ ގުޅުންހުރި އެހެނިހެން ދާއިރާތަކުން ވެސް ވަނީ އާމްދަނީ އިތުރުވެފައެވެ. ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 33.5 އިންސައްތަ އިތުރުވެ 768.0 މިލިއަން ރުފިޔާއަށް އަރާފައިވާއިރު، ޑިޕާޗާ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 39.1 އިންސައްތަ އިތުރުވެ 649.5 މިލިއަން ރުފިޔާއަށް އަރާފައެވެ.
ހަރަދުތަކަށް ބަލާއިރު، ރިކަރަންޓް ހަރަދު ވަނީ 10.6 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރަށްވުރެ 14.6 އިންސައްތަ އިތުރުވުމެކެވެ. ހަރުމުދަލަށް ކުރާ ހަރަދު ނުވަތަ ކެޕިޓަލް ހަރަދު 39.9 އިންސައްތަ އިތުރުވެ، 1.3 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. ރިކަރަންޓް ހަރަދުތަކުގެ ތެރެއިން މުވައްޒަފުންގެ މުސާރަ އާއި ޕެންޝަނަށް 4.0 ބިލިއަން ރުފިޔާ ހޭދަވެފައިވާއިރު، އިދާރީ އަދި ހިންގުމުގެ ޚަރަދުތަކަށް 6.7 ބިލިއަން ރުފިޔާ ހޭދަވެފައިވެއެވެ.