ކުޅަދާނަކަން ހުރި ކޮންމެ ރައްޔިތަކު މަސައްކަތުގެ މައިދާނަށް ނުކުތުމަށް ރައީސް ގޮވާލައްވައިފި
ކުޅަދާނަކަން ހުރި ކޮންމެ ރައްޔިތަކު މަސައްކަތުގެ މައިދާނަށް ނުކުތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފިއެވެ.
ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ރައީސް މިއަދު ދެއްވި ހިތާބުގައި ވިދާޅުވީ މި ސަރުކާރަށް ދެއަހަރާ ހަމަސް ވޭތުވާން ކައިރިވީއިރު، 23,000އަށްވުރެ ގިނަ ވަޒީފާ، ސަރުކާރާއި ޕްރައިވެޓް ސެކްޓަރުގައި އަލަށް އުފެއްދިއްޖެ ކަމަށެވެ.
ރާއްޖޭގައި ވަޒީފާތަކުގައްޔާއި މަސައްކަތްތަކުގައި އުޅޭ ބިދޭސީން ގާނޫނަށް ފައްތައި ބެލެހެއްޓުމުގައި މިދިޔަ އެއްވެސް ސަރުކާރަކުން ނާޅާ ހަރުދަނާ ފިޔަވަޅުތަކާއެކު، ރައްޔިތުން އެދޭ އަމާޒަށް އެކަންވެސް ގެންދެވެން ފަށައިފި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދިވެހީންނަށް ނޫނީ ރާއްޖޭގައި ނުކުރެވޭނެ މަސައްކަތްތަކާއި އަދާ ނުކުރެވޭނެ ވަޒީފާތައް ކަނޑައަޅައި އަމަލީސިފަ ގެންނަމުންދާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ވަޒީފާއާއި މަސައްކަތުގެ ފުރުސަތުތައް ތަންމިނަށް ފަހިކޮށްދިނުމަށް ސަރުކާރުން އަޅަމުންދާ މުހިންމު ފިޔަވަޅުތައް ހަލުވިކޮށް ކާމިޔާބު ކުރުމުގައި ދިވެހި ހުރިހާ ރައްޔިތުން އެއްބާރުލުން ދިނުމަށް ވެސް ރައީސް ގޮވާލެއްވިއެވެ.
އަދި މަސައްކަތެއް ކުރެވޭނެ ކެރިކުޅަދާނަކަންހުރި ކޮންމެ ދިވެހި ރައްޔިތަކުމެ ހަށިފޮޅައިލައްވާ އަމަލީ މައިދާނަށް ނުކުތުމަށް ރައީސް ގޮވާލެއްވިއެވެ.