ސިލްސިލާ އެއްވުންތަކުގައި ޤާނޫނާ ޚިލާފުވާތީ ޕީއެންއެފްއަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އީސީން ދީފި
ސިލްސިލާ އެއްވުންތަކުގައި ޤާނޫނާ ޚިލާފުވާތީ ޕީއެންއެފްއަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އިލެކްޝަން ކޮމިޝން(އީސީ)އިން ދީފިއެވެ.
އީސީން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުން، ޕީއެންއެފްއިން ކުރިއަށްގެންދާ ޙަރަކާތްތަކަކީ ސިޔާސީ ޕާޓީތަކުގެ ސުލޫކީ މިންގަނޑުން ބޭރުން ހިންގާ ކަންތައްތަކެކެވެ. ޚާއްޞަކޮށް، ޤާނޫނުން ހުއްދަކުރާ ސަރަޙައްދުތަކުން ބޭރުގައި، ޢާންމު މަގުތަކާއި މައިދާންތަކުގައި ސިޔާސީ ބައްދަލުވުންތައް ބޭއްވުމަކީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 45 ވަނަ މާއްދާގެ (ޅ) އާ ކަނޑައެޅިގެން ޚިލާފު ކަމެއްކަން އެ ކޮމިޝަނުން ވަނީ ހަނދާންކޮށްދީފައެވެ. މީގެ އިތުރުން، އެހެން ސިޔާސީ ޕާޓީތަކުގެ ޙަރަކާތްތަކަށް ހުރަސްއެޅޭ ގޮތަށް، ނުވަތަ އެފަދަ އެހެން ބައްދަލުވުމަކާ ދިމާކޮށް އެއް ވަގުތެއްގައި އެއް ތަނެއްގައި ޙަރަކާތް ހިންގުމަކީ ވެސް މަނާކަމެއްކަން ކޮމިޝަނުން ވަނީ އަންގާފައެވެ. މިއީ ހަމަ އެ ޤާނޫނުގެ 45 ވަނަ މާއްދާގެ (އ) އަދި (މ) އާ ޚިލާފު ޢަމަލުތަކެއްކަމަށް ބަޔާންކޮށްފައިވެއެވެ.
މިފަދަ ޤާނޫނާ ޚިލާފު ކަންކަން ތަކުރާރުކޮށް އެ ޕާޓީން ކުރަމުންދާކަމުގެ ޝަކުވާތައް ލިބެމުންދާތީ، އެކަންކަން ހުއްޓާލުމަށް އީސީން މީގެ ކުރިން ޕީއެންއެފްއަށް ވަނީ ނަސޭޙަތްތެރިވެފައެވެ. އަދި މި މައްސަލަތަކަށް ޙައްލެއް ހޯދައި، ވާހަކަދައްކައިގެން ކަންކަން ނިންމުމަށް ކޮމިޝަނަށް އައުމަށް ދަޢުވަތު ދިނުމުން އެކަމަށް އެ ޕާޓީން ވަނީ އިންކާރުކޮށްފައެވެ. އެހެންކަމުން، އިސްލާޙުނުވެ މި ޢަމަލުތައް ކުރިއަށްގެންދާ ނަމަ، ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ ތެރެއިން ޕީއެންއެފްއާ ދެކޮޅަށް އެޅެން ހުރި އެންމެހާ ފިޔަވަޅުތައް އަޅާނެކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ކަށަވަރުކޮށްދީފައެވެ.