ޚަބަރު

ކުރިއަށް އޮތް ހަފުތާ ބަންދުގައި ރާއްޖޭގެ އެކި ހިސާބަށް މޫސުން ގޯސްވާނެ: މެޓް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ކުރިއަށް އޮތް ހަފުތާ ބަންދާ ދިމާކޮށް، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަކޮށް ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު އިންޒާރު ދެއްވައިފިއެވެ.

Ads by Allied

މޫސުމާ ބެހޭ އިދާރާއިން މައުލޫމާތު ދެއްވާ ގޮތުގައި، ހުކުރު ދުވަހަށް ވުރެ ހޮނިހިރު ދުވަހު މޫސުން ގޯސްވާނެކަމަށް ބެލެވެއެވެ. ނަމަވެސް، މި ދެ ދުވަހު ވެސް ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އެހެންނަމަވެސް، ހޮނިހިރު ދުވަހުން ފެށިގެން ވައިގެ ބާރުމިން އިތުރުވާން ފަށާނެކަމަށާއި، އަންނަ ހޯމަ ދުވަހު ވައި އިތުރަށް ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

ކުރިއަށް އޮތް ސައުވީސް ގަޑިއިރުގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާ އެކު ވިއްސާރަކުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމަކީ އެކަށީގެންވާ ކަމެއްކަމަށް މެޓް އޮފީހުން ފާހަގަކުރައްވައެވެ. މި ވަގުތުތަކުގައި ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެއެވެ. ދެން ހުރި ސަރަހައްދުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެކަމަށް ބެލެވޭއިރު، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.

ވިއްސާރަވުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރައްވައެވެ. ޚާއްސަކޮށް، ބޯކޮށް ވާރޭވެހުމުން ދިމާވެދާނެ ދަތިތަކުން ސަލާމަތްވުމަށްޓަކައި ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އިރުޝާދު ދެއްވާފައެވެ.

Ads by Allied Insurance