ސިޔާސީ

އެމްޑީޕީގެ ޗެއަރގެ މަގާމަށް އެހެން ކެންޑިޑޭޓެއް ހޮވައިފިނަމަ، ޕާޓީ އަނެއްކާވެސް މަގުމަތިވެދާނެ: މީކާއީލް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަޙްމަދު ނަސީމް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ އިންތިޚާބެއްގައި ވަކި ރިޔާސީ ކެންޑިޑޭޓަކަށް ތާއީދުކުރައްވާ ބޭފުޅަކު ޗެއާޕާސަންގެ މަޤާމަށް އިންތިޚާބުކޮށްފިނަމަ، އެ ޕާޓީ އަނެއްކާވެސް މަގުމަތިވެދާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަޙްމަދު ނަސީމް ދެއްވައިފިއެވެ.

Ads by Allied

އެމްޑީޕީގެ މެންބަރުންނަށް ފޮނުއްވާފައިވާ ސިޓީއެއްގައި މީކާއިލް ވިދާޅުވީ، ޕާޓީގެ އިސް މަޤާމުތަކަށް އަންނަ ފަރާތްތަކަކީ އެންމެހާ މެމްބަރުންގެ މެދުގައި ހަމަހަމަކަން ޤާއިމުކޮށްދޭންޖެހޭ ބަޔަކަށް ވީހިނދު، ވަކި އަތަކަށް ޖެހިފައިވާ ފަރާތަކާ އެ ޒިންމާ ޙަވާލުކުރުމުން ނުކުމެދާނެ ނޭދެވޭ ނަތީޖާއަކަށް އަލިއަޅުއްވާލައްވަމުންނެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ހަރުދަނާކޮށް، ކުރިއަށް އޮތް ބޮޑު އިންތިޚާބަށް ޕާޓީ އެކުވެރިކުރުމަށްޓަކައި ނަޒާހަތްތެރި އަދި ވަކި ފަރާތަކަށް ބުރަނުވާ ޗެއާޕާސަނެއް ހުރުމުގެ މުހިންމުކަން ވަރަށް ބޮޑެވެ.

"ވަކި ރިޔާސީ ކެންޑިޑޭޓަކަށް ތާއީދުކޮށްގެން ހުރި މީހަކު އެމްޑީޕީގެ ޗެއަރޕަރސަންގެ މަގާމަށް ހޮވައިފިނަމަ، ޕާޓީ އަނެއްކާވެސް ބައިބައިވެ، 2028ގެ ރިޔާސީ އިންތިޚާބު ގެއްލުމުގެ ފުރުސަތު ބޮޑު." މީކާއީލް ވިދާޅުވިއެވެ.

މީގެ އިތުރުން، އެމްޑީޕީގެ މުސްތަޤުބަލު އުޖާލާކުރުމަށްޓަކައި އާންމު މެމްބަރުން ވޯޓުލާއިރު މިކަންކަމަށް ފުންކޮށް ވިސްނައި، ވަކިވަކި ފަރުދުންނަށްވުރެ ޕާޓީގެ ޢާންމު މަސްލަޙަތު އިސްކުރުމަށް ވެސް މީކާއިލް ވަނީ އިލްތިމާސްކުރައްވާފައެވެ.

Ads by Allied Insurance