ޚަބަރު

ދިވެހިންގެ އިހުގެ ލިޔުންކަމަށްވާ "ދިވެސް އަކުރު" އުނގަންނައިދޭ ކޯހުގެ އައު ބުރެއް ފަށައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ދިވެހިރާއްޖޭގެ ތާރީޚީ ލިޔުންތަކުގައި ބޭނުންކޮށްފައިވާ ދުވަސްވީ "ދިވެސް އަކުރު" ދިރުވައި އާލާކޮށް، އާންމުންނަށް އުނގަންނައިދިނުމުގެ މަޤުޞަދުގައި ދިވެހިބަހުގެ އެކަޑަމީން އިންތިޒާމުކޮށްގެން ޤައުމީ ދާރުލްއާސާރުގައި 10 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޚާއްޞަ ކޯހެއް 20 ބައިވެރިންނާ އެކު ފަށައިފިއެވެ.

Ads by Allied

ކޯސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދިވެހިބަހުގެ އެކަޑަމީގެ ރައީސް ޙަސަން ޝާކިރު މުޙައްމަދު ވަނީ، މިއީ މީގެ ސާޅީހަކަށް އަހަރު ކުރިން ފެށިގެން މެދުކެނޑުމެއްނެތި ހިންގަމުން އަންނަ މުހިންމު ހަރަކާތެއްކަން ފާހަގަކުރައްވާފައެވެ. އަދި މި އަކުރު ދަސްކުރުމަކީ ހަމައެކަނި މުޢާމަލާތްކުރަން ދަސްކުރުމުގެ ބަދަލުގައި، ދިވެހިންގެ މުއްސަނދި ތާރީޚަށް ލޯހުޅުވިގެންދާނެ ކަމެއްކަމަށް ވިދާޅުވެ، ހުރިހާ ބައިވެރިން ވެސް ފަރުވާތެރިކަމާ އެކު ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކުރުމަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގަތެވެ.

މި ޕްރޮގްރާމަކީ އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބެއް ލިބިފައިވާ ޕްރޮގްރާމެކެވެ. އެގޮތުން، މި ފަހަރުގެ ބުރުގައި ބައިވެރިވުމަށް ސަތޭކައަށްވުރެ ގިނަ ފަރާތްތަކުން އެދިފައިވީ ނަމަވެސް، ޖާގައިގެ ދަތިކަން ހުރިގޮތުން ފުރުޞަތު ދެވިފައިވަނީ އެންމެ ފުރަތަމަ ހުށަހެޅި ވިހި ފަރާތަށެވެ. ނަމަވެސް، ޝައުޤުވެރިކަން ފާޅުކޮށްފައިވާ އެހެން ފަރާތްތަކަށް ކުރިއަށް އޮތް ތަނުގައި މި ފުރުޞަތު ފަހިކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން އެކަޑަމީން ވަނީ ދެއްވާފައެވެ.

ޤާނޫނީ ގޮތުން ބަހުގެ އެކަޑަމީގެ މައްޗަށް މަތިކޮށްފައިވާ ޒިންމާތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށްގެންދާ މި ކޯހުގައި ކިޔަވައިދެއް ވާނީ މި ރޮނގުން ފުންނާބުއުސް ދެ ތަޖުރިބާކާރުންނެވެ. އެއީ މީގެ ކުރީގެ ގިނަ ބުރުތަކެއްގައި ވެސް ކިޔަވައިދެއްވާފައިވާ އަލްޤާރީ އަޙްމަދު ރަޝީދު ޢަބްދުލްޤާދިރާއި، އޭނާގެ އެހީތެރިޔާ ޚަދީޖާ ޙަސަން މަނިކެވެ.

Ads by Allied Insurance