ޚަބަރު

ޝަރުޢީ ކޯޓުތަކުގެ އަމުރުތަކަށް ބޯލެނބުމަކީ އެންމެހައި ރައްޔިތުންނަށް ލާޒިމުކަމެއް: ރައީސް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު / ފޮޓޯ: ރައީސް އޮފީސް

ޤާނޫނުގެ ވެރިކަން ނެގެހެއްޓުމާ އެކު، ޝަރުޢީ ކޯޓު އަމުރުތަކަށް ތަބާވުމަކީ ކޮންމެ ދިވެއްސެއްގެ މައްޗަށް އޮތް ވާޖިބެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

Ads by Allied

އޮންލައިން ނޫހަކުން ފެތުރި ވީޑިއޯއަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރާ ޚިލާފަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "އަދަދު" ނޫހުން އާންމުކުރި ވީޑިއޯއަކާ ގުޅޭގޮތުން ހިނގަމުންދާ ޖިނާއީ ތަޙުޤީޤަކާ ގުޅިގެން، އެ މައްސަލައިގެ ވާހަކަތައް ދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން ވަނީ ޚާއްޞަ އަމުރެއް ނެރެފައިވާ ކަމަށެވެ.

ނަމަވެސް، ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އެ ނޫހުގެ ނޫސްވެރިޔަކު ވަނީ އެ އަމުރާ ޚިލާފަށް، ރައީސަށް އަމާޒުކޮށް އެ ތުހުމަތުތައް އަލުން ތަކުރާރުކޮށްފައެވެ. މިކަމާ ގުޅިގެން ރައީސް ވަނީ އެއީ ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއްކަން ފާހަގަކުރައްވައި، ކޯޓު އަމުރާ ޚިލާފުވުމުގެ ޖާގަ ރައީސް އޮފީހުގެ ތެރޭގައި ނުދެއްވާނެކަމަށް ވިދާޅުވެ، އެ ނޫސްވެރިޔާ މާލަމުން ނުކުތުމަށް އަންގަވާފައެވެ.

އެހެން ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން، ޝަރުއީ ނިޒާމުން ނެރޭ "ގެގް އޯޑަރ" ތަކަށް ފުރިހަމައަށް އިޙުތިރާމުކުރުމަކީ ރައްޔިތުންގެ ޒިންމާއެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މިއީ ދައުލަތުގެ ތިން ބާރު ވަކިވެފައިވާ އުޞޫލުގެ ދަށުން، ޝަރުޢީ ދާއިރާއިން ކުރިއަށްގެންދާ އިޖުރާއަތެއްކަމަށް އެމަނިކުފާނު ސާފުކޮށްދެއްވިއެވެ.

ކޯޓު އަމުރާ އެކު ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކަށް ވެސް ރައީސް ވަނީ ރައްދުދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ދިވެހިރާއްޖެއަށްވުރެ ފުޅާ ދާއިރާއެއްގައި ޚިޔާލުފާޅުކުރުމުގެ ޙައްޤު އޮތް އެހެން ޤައުމެއް ނެތް ނަމަވެސް، މިއީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވުމާ އެކު، ޤާނޫނުއަސާސީގެ އިމުގެ ތެރޭގައި އެންމެން ވެސް އުޅެންޖެހޭނެއެވެ. ޤާނޫނުގެ ވެރިކަން މި ސަރުކާރުން ފުރިހަމައަށް ތަންފީޒުކުރާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

އިސްލާމްދީނުގެ އުޞޫލުތަކާއި ޤާނޫނުއަސާސީއާ ފުށުއަރާ ކަންކަން ކުރުމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރޭގައި ހިމެނޭ ކަމެއް ނޫންކަން ބަޔާންކުރައްވަމުން، ނޫސްވެރިކަމަކީ މީހުންގެ އަބުރާ ކުޅުމަށް އޮންނަ ހުއްދައެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއީ އެއްވެސް މުސްލިމަކަށް ލިބިގެންވާ ޙައްޤެއް ނޫންކަން ވެސް އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.

Ads by Allied Insurance